މަރު އައިސް އަހަރެމެންނާ ބައްދަލުކުރުމުން ލަހެއް ފަހެއްނެތި އިޖާބަދޭން ޖެހޭނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.
”މާތް ﷲގެ ޙަޟުރަތުގައި ކޮއްޅަށް ތިބޭ ދުވަސް“ މި މައުޟޫޢުގައި މިއަދު ދިން ހުކުރު ހުތުބާގައި ވަނީ ދުންޔަވީ ޙަޔާތަކީ ވަގުތީ ޙަޔާތެއް ކަމަށާއި ކޮންމެ އިންސާނަކީ ވެސް މަރުގެ ރަހަ ދެކޭނޭ މީހެއްކަން ހަނދާންކޮށްދީ އެ ދުވަހަށް ތައްޔާރުވުމަކީ ކޮންމެ އިންސާނަކުމެ ކުރާންޖެހޭނޭ ކަމެއް ކަމަށް ބުނެފައެވެ.
”އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوىވެރިވާށެވެ! އަދި އެ ދުވަހުގައި ބަފަޔަކަށް ދަރިޔެއްގެ މަތީން ކަމެއް ފުއްދައެއް ނުދެވޭނޭ، އަދި ދަރިޔަކަށް ވެސް ބަފަޔަކަށް ކަމެއް ފުއްދައެއް ނުދެވޭނޭ ދުވަހަކަށް ތިޔަބައިމީހުން ބިރުވެތިވާށެވެ! ހަމަކަށަވަރުން، اللهގެ وعدފުޅަކީ، حق ތެދެވެ. ފަހެ، ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! އަދި މަކަރުވެރި شيطانއާ، ތިޔަބައިމީހުން اللهއާ މެދު ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ!“ މާތް ﷲ ވަހީ ކުރެއްވި އާޔަތެއްގެ މާނައިގައިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ ދުނިޔޭގެ މި އިމްތިޙާނަށް ވުރެ ބޮޑު އިމްތިޙާނެއް ކުރިމަތީގައި އެބަ އޮތް ކަމަށާއި އެއީ އާޚިރަތް ދުވަހުގެ އިމްތިޙާނު ކަމަށާއި އެ އިމްތިޙާނުގައި ދެވަނަ ފުރުޞަތެއް ނޯންނާނެ ކަމަށެވެ.
”ފަހެ، ގަދަފަދަ އަޑު އަތުވެއްޖެ ހިނދެވެ. (އެއީ) މީހާ އޭނާގެ އަޚާގެ ކިބައިންނާއި، އޭނާގެ މަންމައާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާއާއި، ދަރީންގެ ކިބައިން ފިލާންދާ ދުވަހެވެ. އެއުރެން ކުރެ ކޮންމެ މީހަކަށް، އެ މީހަކު އަވަދިނެތިކުރާނޭ ކަމެއް އެ ދުވަހުން ވެއެވެ.“ މާތް ﷲ ވަހީ ކުރެއްވި އާޔަތެއްގެ މާނައިގައިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ވަނީ މަރު އައިސް އަހަރެމެންނާ ބައްދަލުކުރުމުން ލަހެއް ފަހެއްނެތި އިޖާބަދޭން ޖެހޭނެކަން ހަނދާންކޮށްދީފައެވެ. އަދި އެއަށް ފަހު ޤިޔާމަތާ ހަމަޔަށް އޭނާ އޮންނާނީ ކަށްވަޅުގައި ކަމަށާއި މަޙުޝަރުކުރައްވާ ދުވަހަކީ ބިރުވެރިކަމުން ފުރިގެންވާ ދުވަހެއްކަން ހަނދާންކޮށްދީފައެވެ.
އަދި އެ ބިރުވެރި ދުވަހުގެ ހުއްޓި ހުރުމަކީ ލުއިފަސޭހަ ހުއްޓިހުރުމަކަށް ހެދުމާއި ނުހެދުން އޮތީ އަހަރެމެންގެ އަތްމަތީގައި ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
”يَوْمُ الْقِيَامَةِ عَلَى الْمُؤْمِنِيْنَ كَقَدْرِ مَا بَيْنَ الظُّهُرِ وَالْعَصْرِ މާނައީ: ޤިޔާމަތްދުވަސް މުއުމިނުންނަށްވާހުށީ މެންދުރު ނަމާދާއި ޢަޞުރު ނަމާދާ ދެމެދުގެ ވަގުތުކޮޅެއް ފަދައިންނެވެ.“ މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ ހަމަކަށަވަރުން ޤިޔާމަތް ދުވަހުގެ ބިރުވެރިކަމާއި ނާމާންކަމުގެ ވާހަކަ ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ސުންނަތުގައި ބަޔާންކޮށްދެއްވައި، އެ ދުވަހާ މެދު އިންޒާރުކުރައްވައިފައިވަނީ އެއިން އަހަރެމެން ޢިބުރަތް ޙާޞިލުކޮށް އެ ދުވަހަށް ތައްޔާރުވުމަށްޓަކައި ކަމަށެވެ.



