ރާއްޖޭގެ ހުރިހާ އެއާރޕޯޓެއްވެސް ހިންގާނީ ދިވެހީން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުއްޖެއެވެ.
މިނިސްޓަރު އަމީން މިހެން ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމަށް އިންޑިއާގެ ކުންފުންޏެއް ހަވާލުވެ ދިނުމަށް ރާއްޖޭން އެދިފައިވާ ކަމަށް އެ ޤައުމުގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން އެ ވާހަކަތަކަށް ރައްދުދެއްވާ މިނިސްޓަރު އަމީން ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރާއްޖޭގެ އެއްވެސް އެއާޕޯޓެއް ހިންގަން ބޭރުގެ ބަޔަކާ މި ސަރުކާރުން ހަވާލު ނުކުރާނެ ކަމަށެވެ.
”ރާއްޖޭގެ ހުރިހާ އެއާޕޯޓެއް ހިންގަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަނުން އެޕްރޫވް ކޮށްފައިވާ ދިވެހި އޮޕަރޭޓަރުން.“ މިނިސްޓަރުގެ ޕޯސްޓުގައި ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓަރު ވަނީ ރާއްޖޭގެ އެއާޕޯޓުތައް ހިންގުން އެ ނޫން ގޮތަކަށް، ކުރިއަށް ގެންދަން މި ސަރުކާރުގެ ވިސްނުމެއް ނެތްކަމަށް ވިދާޅުވެފައެވެ.
އިންޑިއާގެ ”ދަ ހިންދޫ“ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުޅުވި ހަނިމާދޫ އާ އެއާޕޯޓް ހިންގަން އިންޑިއާ އަށް ހުށަހަޅާފައި ވާތީ އެކަމާ ގުޅޭ ދިރާސާތައް ހެދުމަށް އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީ (އޭއޭއައި) އާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.



