މަޝްހޫރު ފިލްމީ ތަރި އަދި ޑައިރެކްޓަރ އަހްމަދު ނިމާލް މަރުވެއްޖެ ކަމަށް ބައެއް ފަރާތްތަކުން ފަތުރަމުން ގެންދާ ހަގީގަތާ ހިލާފު ވާހަކަތަކަށް ނިމާލްގެ ދަރިފުޅު އަދި ފިލްމީ ތަރި ޖުމައްޔިލް ނިމާލް ރައްދު ދީފިއެވެ.
ނިމާލަށް ސްޓްރޯކެއް ޖެހިގެން ފަރުވާ ދޭން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު އޭޑީކޭ ގައެވެ. އެއަށްފަހު ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު އޭނާ ވަނީ އައިޖީއެމްއެޗްއަށް ބަދަލުކޮށްފައެވެ. އެއިރުވެސް ނިމާލްގެ ހާލު ސީރިއަސްކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ނިމާލްގެ ބަލިހާލަތާ ގުޅިގެން ސޯޝަލް މީޑިއާގެ ބައެއް ޕޭޖުތަކުގައި އިއްޔެ ވަނީ އޭނާ މަރުވެއްޖެކަމަށް ބުނެ ވާހަކަ ފަތުރާފައެވެ.
އެ ވާހަކަތަކަށް ރައްދުދެމުން ޖުމައްޔިލް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ރޭގައި ބުނެފައިވަނީ، އޭނާގެ ބައްޕަ މަރުނުވާ ކަމަށާއި އޭގެ ކުރީ ދުވަހަށްވުރެ މިހާރު ނިމާލްގެ ހާލުވެސް ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ދޮގު ވާހަކަ ނުފެތުރުމަށް ވެސް ޖުމައްޔިލް އެދިފައިވެއެވެ.

އުމުރުން މިހާރު 62 އަހަރު ފުރިފައިވާ ނިމާލަކީ ކުޅަދާނަ އެކްޓަރ އަދި ޑައިރެކްޓަރެއްގެ އިތުރުން އެހާމެ ތަޖުރިބާކާރު ލިޔުންތެރިއެއް، އެޑިޓަރެއް އަދި ޕްރޮޑިއުސަރެއް ވެސް މެއެވެ.
ފިލްމީ ދާއިރާގައި 90 ގެ އަހަރުތަކުން ފެށިގެން ވިދާލަން ފެށި ނިމާލަކީ ދިވެހީންގެ ތެރޭގައި ބޮޑު ތަރުހީބެއް ލިބިފައިވާ އެކްޓަރެކެވެ. އަދި އޭނާއަކީ ވަރުގަދަ ފިލްމުތަކެއްގެ ލީޑް ރޯލުތަކުން ވެސް ވަރަށް ގިނައިން ފެނިފައިވާ ފަންނާނެކެވެ. އޭނާ ކުޅޭ ކޮންމެ ކެރެކްޓަރ އެއްވެސް ގެނެސްދޭ ފުރިހަމަކަމުން އެތައް ބަޔަކު ނިމާލަށް ތައުރީފު ކުރެއެވެ.
އެގޮތުން ނިމާލު އެކްޓުކޮށްފައިވާ އެންމެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކަކީ ”ވީރާނާ“، ”ނިއުމާ“، ”މިހަށިން ފުރާނަ ދާންދެން“، ”ނޭނގި ޔާރު ވަކިވީ“ ފަދަ މަގުބޫލު ފިލްމުތަކެވެ. ދާދި ފަހުން އޭނާ ވަނީ މިހާރު އޮލިމްޕަހުން ދައްކަމުންދާ ”ލިލީ“ ގައި ވެސް ފާހަގަކޮށްލެވޭ މޮޅު ކެރެކްޓަރ އެއް ކުޅެ ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައެވެ.
ނިމާލްއަށް ސްޓްރޯކެއް ޖެހި ފަރުވާ ދެމުން އަންނަ ޚަބަރާއެކު މުޅި މުނިފޫހިފިލުވުމުގެ ދާއިރާއަށް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ. އަދި އޭނާއަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދި އެތައް ބަޔަކު ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ދުއާ ކުރަމުންނެވެ.




