އާ އަހަރު ފެށުމާއެކު ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ވައިރަލްވަމުން އަންނަ އެއް ވީޑިއޯއަކީ ޓިކްޓޮކް ތަރި ޔާނިއާ ރަޝީދު މޫސާ، އައިސް ޓީވީން ދައްކާ ޝޯއެއްގައި ބައިވެރިވެ، އެ އެޕިސޯޑުގެ ޓްރެއިލަރ ވީޑިއޯއޭ ބުނުން ދޮގަކަށް ނުވާނެއެވެ.
އައިސް ޓީވީން ދައްކާ ”ސައި ވިތު ސައީ“ ގެ އެންމެ ފަހުން ދެއްކި އެޕިސޯޑުގެ ބައިވެރިއަކީ ޔާނިއާ އެވެ. އެ އެޕިސޯޑުގެ ޓްރެއިލަރ، އާ އަހަރު ފެށުނު ދުވަހު ވަނީ ބެލުންތެރިންގެ އިންސާފަށް ދޫކޮށްލާފައެވެ.
ޓްރެއިލަރ ރިލީޒް ކުރުމާއެކު، އަލިފާންގަނޑެއްހެން ސޯޝަލް މީޑިއާގައި ވަނީ އެ ކްލިޕް ހަލުވިކަމާއެކު ފެތުރިފައެވެ. ސަބަބަކަށްވީ އޭގައި ޔާނިއާ ވާހަކަ ދެއްކި ގޮތާއި ދެއްކި ވާހަކައެވެ.
އެގޮތުން އޭނާ ބުނެފައިވަނީ ރަށްފުށުގައި އުޅެން އޭނާއަށް ކަމުނުދާ ކަމަށާއި، މާލޭގައި އުޅެ ބޮޑުވުމުން ރަށަކަށް ދިޔަސް ބިރުގަންނަ ކަމަށެވެ. ޚާއްސަކޮށް ރޭގަނޑުގަޑީގަ ބިރުގަންނަ ކަމަށް އޭނާ ބުންޏެވެ. މީގެއިތުރުން އައްޑޫއަށް ދިޔަ ދަތުރުގައިވެސް ރޭގަނޑު ބިރުގަތް ކަމަށާއި ގަހަކުން ފަތެއް އެއްފަހަރު ހެލިލުމުން އެއީ ޖިންނިއެއް ކަމަށް ހީކޮށް ބިރުން ދުއްވައިގަތްކަމަށް ޔާނިއާ ބުންޏެވެ.
ޔާނިއާގެ ވާހަކަ ދެއްކުމުގައި ދިވެއްސާއި އިނގިރޭސިބަސް މަސްހުނި ކޮށްގެން ބޭނުން ކުރުމުންނާއި އޭނާ ”މާލެ“ ކީ ގޮތުން، އަދި ރަށްފުށުގައި ޖިންނި އުޅޭތީ ބިރުގަންނަ ކަމަށް ބުނެ ދެއްކި ވާހަކަތަކަށް އެތައް ބަޔަކު ވަނީ އޭނާއަށް ޖޯކު ޖަހާފައެވެ. އަދި ސޯޝަލް މީޑިއާގައި އޭނާއަށް ހަނގާކޮށް، ތަފާތު އެކި ވައްތަރުގެ މީމްސް ވެސް ވަނީ ހަދާފައެވެ.
ނަމަވެސް މިކަމާ ބެހޭގޮތުން އެކި މީހުންގެ ހިޔާލު ތަފާތުކަން ވެސް ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން، ރަށްފުށުގައި ޖިންނިން އުޅެދާނެ ކަމާއި އެކަމާ ބިރުން އުޅުމަކީ ހަމައެކަނި ޔާނިއާއަށް އެކަނި ކުރިމަތިވާ ކަމެއް ނޫންކަން ބައެއް މީހުން ފާހަގަ ކުރިއެވެ. އެފަދައިން ބިރުގަންނަ އެތައް ބަޔަކު ތިބޭނެއެވެ. އެހެންކަމުން އެކަމާ ޔާނިއާއަށް އެކަނި ޖޯކު ޖެހުން ރަނގަޅު ނޫންކަން ވެސް ފާހަގަ ކުރިއެވެ.
ދެން އޭނާ ވާހަކަ ދެއްކި ގޮތެވެ. އެއީ މިޒަމާނު ގިނަ ”ޖެން-ޒީ“ ކުދިން އާންމުކޮށް ވެސް ވާހަކަދައްކާ އުޅޭ ގޮތެވެ. ނަމަވެސް އެފަދައިން ޝޯއަކަށް އަރާއިރު، ކޮންމެވެސް ވަރަކަށް މިފަދަ ކަންކަމާ ވިސްނާލައި، ބަދަލު ކުރުމަކީ އެފަދަ ކުދިންގެ ޒިންމާއެއްކަން ވެސް ގަބޫލުކުރެވެއެވެ.
މި ވީޑިއޯ ހިއްސާ ކުރި އައިސް ޓީވީއަށް ވެސް ބައެއް ފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ. ގިނަ މީހުން ގަބޫލުކުރާ ގޮތުގައި މިއީ އައިސް ޓީވީން ގަސްތުގައި ކުރި ކަމެކެވެ. ޓްރެއިލަރ ވީޑިއޯއަށް ހަމަ އެތަންކޮޅު ލާނީ، އެކަން ވައިރަލް ވާނެކަން އެނގޭތީއެވެ. އެހެންގޮތަކަށް ބުނާނަމަ، އެ ޝޯއަށް ވިއުސް ކޮޅެއް ހޯދާލަން ޔާނިއާ ގުރުބާން ކޮށްލީއެވެ. ނަމަވެސް ޔާނިއާ ބައެއް ކޮމެންޓުތަކުން ބުނިގޮތުގައި މިއީ އޭނާއަށް ވެސް އެނގިގެން، ބޭނުންވެގެން ކުރިކަމެކެވެ. އެހެންކަމުން ދެން މިކަމާ ކުރާނެ އިތުރު ބަހުސެއް ނެތެވެ.




1 Comment
މަންޖެއަށް އަދި ޖިންނި ނުފެންނަނީ. މިހާރު މިއުޅޭ ޖެން-ޒީ ތަކަށްވެސް އަދި ޖިންނި ޝައިތޯނުން ނުފެންނަނީ. ތިއުޅޭ ޖާހިލު، ލާދީނީ ކަންމަތީގައި އަދި ކެތްކޮށްލާ. ޤިޔާމަތް ދުވަހުން ރަނގަޅަށް ޖިންނި ފެންނާނެ.