ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކެމެޓީގެ އިންތިހާބަށް 7000 އެއްހައި އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތް މިމަހުގެ 11 ވަނަ ދުވަހު ފަށާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އެގޮތުން އެ ކޮމިޝަނުން މިހާރު ވަނީ އޮފިޝަލުން ތަމްރީނުކުރުމަށް ބޭނުންވާ ޓްރެއިނަރުންގެ ތަމްރީނުތައް ވެސް ފަށާފައެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދާނީ މިއަދުން ފެށިގެން މިމަހުގެ 9 އަށެވެ. މި ޕްރޮގްރާމުގައި އޮފިޝަލުން ތަމްރީނުކުރާނެ 100 އަށްވުރެ ޓްރެއިނަރުން ތަމްރީނު ކުރެވިގެންދާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ، މި ޕްރޮގްރާމުގެ ތެރެއިން ރާއްޖެއާއި ރާއްޖެއިން ބޭރުގައި އިންތިހާބު އޮންނަ ދުވަހު ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ތަމްރީނުތައް ކުރިއަށް ގެންދާނެ ކަމަށެވެ.
ޓްރެއިނަރުން ތަމްރީނު ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ މި ޕްރޮގްރާމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެކޮމިޝަނުން ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ މުހިންމު މަސައްކަތެއް ކަމަށެވެ.

އިންތިހާބުގައި ކޮމިޝަނުގެ ޒިންމާއަކީ ޤާނޫނުގައި ބަޔާންވެގެންވާ ގޮތަށް އިންތިހާބުގެ ކަންކަން ތަންފީޒު ކުރުން ކަމުގައި ކޮމިޝަނުގެ ރައީސް ޒާހިދު ވިދާޅުވިއެވެ. އަދި އިންތިހާބުގެ އެއްވެސް ކަމެއް ކުރިއަށް ގެންދާއިރު މިހާރު އިންތިހާބުގެ ކަންކަން ކުރިއަށް ގެންދާ ގޮތާއި ތަފާތުކޮށް އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދޭ ކަމަށް ވެސް އީސީގެ ރައީސް ވިދާޅުވިއެވެ.



