ކުދި ވިޔަފާރިތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ނަތީޖާ ނެރޭވޭނެ ފިޔަވަޅުތަކެއް މީގެ ކުރިން އެއްވެސް ވެރިއަކު އަޅުއްވާފައި ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ސައީދު މިހެން ވިދާޅުވީ ރައީސް އޮފީހުން ތައްޔާރުކޮށް ގެނެސްދޭ، ”ތަރުޖަމާނާއެކު“ ޕޮޑްކާސްޓުގެ މިއަދު ގެނެސްދިން ފުރަތަމަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުންނެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ މައްސަލަތައް އޮޅުންފިލުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި އެ ފަރާތްތަކުން ހުށަހެޅުއްވި ކަންބޮޑުވުންތަކާއި ގުޅިގެން ކެބިނެޓުގައި ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.
މިކަމުގެ ތަފްސީލްތަށް ހާމަކުރައްވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، ވިޔަފާރިތަކުން ފާޅުކުރެއްވި ކަންބޮޑުވުންތަކާއި ގުޅިގެން ސަރުކާރުގެ ގުޅުންހުރި އެކި އިދާރާތަކަށް ރައީސް އޮފީސް އިސްވެ އިރުޝާދު ދެއްވި ކަމަށެވެ. އަދި އެ ވިޔަފާރިތަކުން ހުށަހެޅި ޝަކުވާތަކަށް އިދާރާތަކުން ހައްލެއް ގެނައުމަށް އެދިފައިވާކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
”ރައީސް އަޑުއެއްސެވި އެވާހަކަ. މިއީ ދައުލަތުގެ އެކި އިދާރާތަކާއި ގުޅުން ހުރި ކަންކަން ވީމަ، ސީދާ ރައީސް އޮފީހުންވެސް އެކަމުގެ އިރުޝާދުތަކެއް ގޮސްފައިވަނީ އެކި އިދާރާތަކަށް. ކުދި ވިޔަފާރިތަކުން މި ޝަކުވާތައް އުފުއްލާފައޭ ވަނީ، މިކަމުގައި ގޮތްތަކެއް ހަމަޖައްސަވައި ދެއްވުމަށް. މީގެ ކުރިން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު މިހާ ފޯކަސްޑްކޮށް މިހާ ނަތީޖާ ނެރެވޭ ގޮތަށް މިއިންތިޒާމުތައް ހަމަޖެއްސެވި ކަމަށް ޤަބޫލެއް ނުކުރެވޭ އެއްވެސް ޒަމާނެއްގައި“ އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ސައީދު ވަނީ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ވެސް އަލިއަޅުއްވާފައެވެ. އެގޮތުން ސަރުކާރުން މިހާރު ވައިގެ ބަނދަރާއި މާލެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތް ފަށާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ޚިދުމަތް ދޭ ގަޑި އިތުރުކޮށް މުދަލަށް ޑެމަރޭޖް ނާރާ ވަގުތު 3 ދުވަހާއި ގަޑިއިރުތަކުން 5 ދުވަހާއި ގަޑިއިރުތަކަށް ބަދަލުކޮށްފައިވާކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.



