ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މޫސާ މަނިކު (ރީކޯ މޫސަ) އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަ ކުރަން ނިންމަވައިފިއެވެ.
އިދިކޮޅު އެމްޑީޕީގެ ޗެއާޕަރސަން ކަމަށް ވާދަކުރަން ނިންމާފައިވާކަން އޭނާ ވަނީ ސޯޝަލް މީޑިއާގައި އިއުލާނު ކުރައްވާފައެވެ.
އެގޮތުން ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ރީކޯ މޫސަ ވިދާޅުވީ، އެމްޑީޕީގެ ހަރަކާތްތަށް ފުޅާކޮށް އިތުރަށް ވަރުގަދަކޮށް ސިޔާސީ ޕާޓީއެއްގެ ރޯލު އަދާކުރުމުގާ އިހު އޮތް ރޫހުއާލާކުރުމަށްޓަކާ އެމްޑީޕީގެ ޗެއާޕަރސަން ކަމަށް ކުރިމަތިލުމަށް ވިސްނާވާ ކަމަށެވެ.
ރީކޯ މޫސައަކީ އެމްޑީޕީގެ ކުރީގެ ޗެއާޕަރސަންކަން އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
އޭނާ ފާހަގަ ވެފައިވަނީ ކުރިން ރައީސް މުޙައްމަދު ނަޝީދުގެ އަރިސް ބޭފުޅެއްްގެ ގޮތުގައި އެވެ. ނަމަވެސް ބައެއް މައްސަލަތައް ޖެހި ފަހުން ރީކޯވެގެން ގޮސްފައިވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ކިޔުއްވި އެއް ބޭފުޅަކަށެެވެ. އަދި ފަހުން އޭނާ ވަނީ ކުރީގެ ރައީސް އިވްރާހިމް މުޙައްމަދު ޞާލިހްގެ އަރިސް ބޭފުޅަކަށް ވެސް ވެފައެވެ.
އެމްޑީޕީގެ ޗެއާޕަރސަން ހޮވުމަށް ބާއްވާ އިންތިހާބު ބާއްވަން ނިންމާފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 6 ވަނަ ދުވަހު ކަމަށް އެ ޕާޓީން ވަނީ ހާމަކޮށްފައެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންއަކަށް މިވަގުތު ހުންނެވީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ) އެވެ.




