އެއްވެސް މީހަކު ބާކީވިޔަ ނުދޭ ރާއްޖެއެއް ބިނާކުރުމުގައި އަބަދުވެސް ދެމިތިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ބްރެއިލް ދުވަހާ ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ޙިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ދުނިޔޭގެ ބްރެއިލް ދުވަސް ފާހަގަކުރަނީ އުނގެނުމަށް ބްރެއިލްއިން ހުޅުވާލަދޭ ދޮރުތަކާއި އޭގެ ސަބަބުން ލިބިގެންދާ މިނިވަން ކަމުގެ ސަބަބުން ކަމަށެވެ.
އަދި ބްރެއިލްއަކީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަބުރުވެރިކަމާއެކު ދިރިއުޅުމުގެ ބާރު ލިބޭ އެއްޗެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
”އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާ ކުރެވޭނީ އެ މުޖުތަމަޢެއްގެ ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތާއި ފުރުޞަތުތައް ލިބިގެން.“ ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ދިވެހިރާއްޖޭން އަބަދުވެސް މަސައްކަތް ކުރާނީ، އޯގާތެރިކަމާއެކު ސިޔާސަތުތައް ބައްޓަންކުރަނަ ކަމަށެވެ.
ހަމައެހެންމެ ކޮންމެ ނިންމުމެއްވެސް ނިންމަވާނީ އެންމެން ޝާމިލުވާ ގޮތަށް ކަމަށާއި އެންމެންނަށް ފުރުޞަތުތައް ފަހިކޮށްދީ އެއްވެސް މީހަކު ބާކީވިޔަ ނުދޭ ރާއްޖެއެއް ބިނާކުރުމުގައި އަބަދުވެސް ދެމިތިބޭނެ ކަމަށް ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.



