ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިޚާބުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމަށް ހަރަކާތްތެރިވާ ޓްރެއިނަރުންނަށް ބާއްވާ ”ޓްރެއިނިން އޮފް ޓްރެއިނާސް“ ޕްރޮގްރާމް، އިލެކްޝަންސް ކޮމިޝަން (އީސީ)އިން ފަށައިފިއެވެ.
އީސީން ބުނީ މާލޭގެ ސީއެޗްއެސްއީގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގައި، އިންތިޚާބުގެ އޮފިޝަލުންނަށް ތަމްރީނު ދޭ 95 ފަރާތެއް ބައިވެރިވާ ކަމަށެވެ.
އިއްޔެ ފެށި އެ ތަމްރީނު ޕްރޮގްރާމްތައް އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
އެ ޕްރޮގްރާމުގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ވެސް ދަނީ ބައިވެރިވަމުންނެވެ.
އެ ތަމްރީނު ޕްރޮގްރާމްގެ ބޭނުމަކީ، އިންތިޚާބު ކުރިއަށްދާއިރު، ގާނޫނުތަކާއި ގަވައިދުތަކާއެއްގޮތްވާ ގޮތުގެ މަތިން ވޯޓު ނެގުމާއި ވޯޓު ނެގުމުގެ މަސައްކަތް ރާއްޖެއާއި ރާއްޖޭން ބޭރުގައި ބަހައްޓާ ވޯޓުފޮށިތައް ކައިރީ މަސައްކަތްކުރާ އޮފިޝަލުންނަށް ކިޔައިދިނުމާއި، އެ ފަރާތްތައް އެ މަސައްކަތަށް ތައްޔާރުކުރުމެވެ.



