އިލްމާއި މައުލޫމާތު ހޯދުމަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ އަސާސީ ހައްގެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ސާޖިދާ މިހެން ވިދާޅުވީ، ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ދުނިޔޭގެ ބްރައިލް ދުވަހުގެ މުނާސަބަތުގައި މީސްމީޑީއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މެޑަމް ސާޖިދާގެ ޕޯސްޓުގައި ވަނީ ލޮލަށް ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ދައްކުވައިދޭ ނުގުޑާފަދަ ހިތްވަރާއި ސާބިތުކަމުގެ އަގު ވަޒަންކޮށް، އެފަރާތްތަކުގެ އާންމު ދިރިއުޅުމުގައި ބްރެއިލް އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.
ހަމައެހެންމެ އިލްމާއި މައުލޫމާތު ހޯދުމަކީ ހަމައެކަނި ވަކި ބަޔަކަށް ލިބިދޭ އިނާޔަތެއް ނޫން ކަމަށާއި އެއީ ކޮންމެ މީހަކަށްމެ ލިބިގެންވާ އަސާސީ ހައްގެއް ކަމަށް މެޑަމް ވިދާޅުވިއެވެ.
މީގެ އިތުރުން މުޖުތަމައުގެ އެންމެން ޝާމިލުކުރުން ފެށިގެން އަންނަނީ އެކަކު އަނެކަކަށް އޮންނަ އިހުތިރާމާއި، ހަމްދަރުދީއާއި، އޯގާތެރިކަމުގެ ތެރެއިން ކަމަށްވެސް މެޑަމް ސާޖިދާ ވިދާޅުވިއެވެ.


