މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ އެއްވެސް މުވައްޒަފަކު ކަރަޕްޝަނަށް މަގުފަހިވާ ޢަމަލެއް ނުހިންގުމަށް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު އެދިވަޑައިގެންފިއެވެ.
މިނިސްޓަރު މިގޮތަށް އެދިވަޑައިގެންފައި ވަނީ މި ފެށުނު 2026 ވަނަ އަހަރުގެ މުނާސަބަތުގައި މިއަދު ހެނދުނު މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެ މަނިކުފާނުގެ ވިދާޅުވީ މިނިސްޓްރީން މަޝްރޫޢުތަކުގެ ފައިނޭންސިންގ މަސައްކަތްތައް ކުރިއަށް ގެންދަނީ ސަރުކާރުގެ އުސޫލުތަކާއި އެއް ގޮތަށް ކަމަށެވެ.
“ ސަރުކާރުގެ މާލިއްޔަތު ޤާނޫނާ ހިލާފަށް އެއްވެސް ކަމެއް މިނިސްޓްރީން ކުރިއަށް ނުގެންދާނެ.“ މިނިސްޓަރު ވިދާޅުވިއެވެ.
އަދި ހުރިހާ މުވައްޒަފުން ވެސް އެ ގޮތުގައި ދެމިތިބުމަށް އިލްތިމާސްކުރައްވަމުން މިނިސްޓަރު ވަނީ މަސައްކަތުގެ މާޙައުލުގައި ނަޒާހަތްތެރިކަން އިސްކުރަން މުވައްޒަފުންނަށް އިލްތިމާސްކުރައްވާފައެވެ.
މީގެ އިތުރުން ހާމަކަން ބޮޑު ގޮތެއްގައި ޙަވާލުކުރެވިފައިވާ މަސައްކަތް ކުރުމަށް ވެސް މިނިސްޓަރު ގޮވައިލެއްވިއެވެ.
މިނިސްޓްރީގައި މަސައްކަތްކުރައްވާ އެންމެހައި މުވައްޒަފުންނާއެކު ބޭއްވި މި ބައްދަލުކުރެއްވުމުގައި މިނިސްޓްރީން މިހާރު ކުރިއަށްގެންދާ މަޝްރޫޢުތަކާއި އަދި މި އަހަރަށް ރާވާފައިވާ ކަންކަންކަމުގެ މަޢުލޫމާތު ވެސް މިނިސްޓަރު ހިއްސާކުރެއްވިއެވެ.



