މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ ޖަލްސާއެއް މާދަމާ ހެނދުނަށް ތާވަލުކޮށްފިއެވެ.
މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 9:00 ގައެެވެ.
މި ޖަލްސާގައި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމަށް މެންބަރަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާ ކުރުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވަން ވަނީ ތާވަލުކޮށްފައެވެ.
އަދި ރީ-އެމްޕްލޯއިމަންޓުގެ ބިލު ޤައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅަން ވަނީ ތާވަލުކޮށްފައެވެ.
މިގޮތުން އެ ރިޕޯޓަށް ބަހުސް ކުރުމާއި، ބިލު ފާސްކުރަން ވޯޓަށް އެހުންވެސް މާދަމާގެ ޖަލްސާއަށް ވަނީ ތާވަލުކޮށްފައެވެ.
މީގެ އިތުރުން ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިސްލާޙު ގެނައުމުގެ ބިލާއި، ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ހުށަހަޅުއްވާފަައިވާ ޕެންޝަނާ ބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލާއި، ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް އިސްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުމާއި އެ ތިން ބިލުގެ ބަހުސް އޮންނާއެވެ.




