ޢިލްމުވެރިންނާއި އިމާމުންނާއި ޚަޠީބުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ފުރުޞަތުގެ ދަށުން ދެވަނަ ބުރުގެ ބައިވެރި މިއަދު ސައުދީއަށް ފުރައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ފުރުޞަތުގެ ދަށުން،ދެވަނަ ބުރު ގައި 18 ބޭފުޅުން ބައިވެރިވި ކަމަށެވެ.
މި ތަމްރީންތައް ކުރިޔަށްދަނީ މިއަދުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހާއި ހަމަޔަށެވެ. އަދި، މިދަތުރުގައި ޢިލްމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ އިތުރުން މައްކާ އަދި މަދީނާގެ ޚާއްސަ ތަންތަނަށް އެ ބޭފުޅުން ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.
އިމާމުންނާއި ހަތީބުން ތަމްރީނު ކުރުމުގެ ފުރަތަމަ ބުރުގައި 20 ބޭފުޅުން ބައިވެރިވެ، މައްކާގައި ތަމްރީން ފުރިހަމަ ކުރެއްވި އެވެ.
ދީނިީ އިލްމުގެ ރޮނގުން ކުރިއަރާފައިވާ ގައުމުތަކަށް ފޮނުވައިގެން އިމާމުން ތަމްރީންކުރަން އިސްލާމިކް މިނިސްޓްރީން ނިންމާފައިވާ އިރު އޭގެ ތެރޭގައި އަރަބި އިސްލާމީ ގައުމުތަކާއި އެ ނޫން ވެސް އިސްލާމީ ބޮޑެތި ޔުނިވަސިޓީތަކަށް ފޮނުވަން ނިންމާފައި ވެއެވެ.
މި ތަމްރީންގެ މަގުސަދަކީ، މިސްކިތްތަކުގައި ތިބި އިމާމުންނަކީ އިލްމީގޮތުން ފުދުންތެރި، ތަމްރީން ލިބިފައިވާ ބަޔަކަށް ހެދުންކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.



