ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ރައީސްކަމަށް އައްޔަންކުރަން، މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗަރ މިނިސްޓަރު ޑރ. އައިޝަތު ރަމީލާގެ ނަން މަޖިލީހުން މިއަދު ފޮނުވައިފިއެވެ.
ރަމީލާ އެޗްއާރްސީއެމްއަށް އައްޔަނު ކުރައްވާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅެވެ. ރަމީލާ އެ ކޮމިޝަންގެ ރައީސްކަމަށް އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޭނާގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިދިޔަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުގައެވެ. ނަމަވެސް މަޖިލީހުން ރަމީލާގެ ނަން އިއުލާނު ކުރައްވާފައިވަނީ މިއަދު ދައުރުން ބޭރުން ބޭއްވި ޖަލްސާގައެވެ.
ަމިއަދުގެ މަޖިލިސް ޖަލްސާގެ ރިޔާސަތުން ވަނީ ރަމީލާގެ ނަން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ފޮނުވައިފައެވެ.
ރަމީލާ، އެޗްއާރުސީއެމަށް އައްޔަންކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހެވެ.
ފާހަގަކުރެވޭ ގޮތުގައި އެގްރިކަލްޗާ މިނިސްޓަރުކަމުގައި ހުންނެވުމަށްފަހު، ކެންސަރަށް ފަރުވާ ހޯއްދެވުމަށް ރަމީލާ އިސްތިއުފާދެއްވީ ޑިސެމްބަރު 1، 2024 ގައެވެ.
މީގެ ކުރިން ރަމީލާ ވަނީ ދެ ފަހަރެއްގެ މަތިން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ. އޭނާ ޕީއެޗްޑީ ހާސިލުކުރެއްވީ ސޯޝަލް ސައިންސްގެ ދާއިރާއިންނެވެ.
އެޗުއާރްސީއެމްގައި ފަސް މެންބަރުން ތިއްބަވާއިރު، މިހާރު އެ ކޮމިޝަންގައި ތިއްބެވި މެންބަރުންނަކީ:
° ނައިބު ރައީސް މުޙައްމަދު ޝަފީޤް މަޙްމޫދު
° މެންބަރު ސަމާޢު އަޙްމަދު ނަޖީބު
° މެންބަރު އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް
° މެންބަރު އަޙްމަދު މަޤުސޫމް



