ވެނެޒުއެލާގެ ސަރުކާރުން އެއްބާރުލުން ނުދޭ ނަމަ އެމެރިކާއިން އެ ޤައުމަށް އަނެއްކާވެސް ހަމަލާ ދޭން ޖެހިދާނެކަމުގެ އިންޒާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ.
އެމެރިކާއިން ވަނީ ވެނެޒުއެލާއަށް ހަމަލާދީ އެ ޤައުމުގެ ރައީސް ނިކޮލަސް މަދޫރޯއާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށްގެން ޤައުމުން ބޭރަށް ގެންގޮސްފައެވެ. އަދި ވެނެޒުއެލާގެ އިންތިޤާލީ އިންތިޒާމުތައް ހަމަޖައްސައިދެވެންދެން އެ ޤައުމު ހިންގާނީ އެމެރިކާއިން ކަމަށް ވެސް ޓްރަމްޕް ބުނެފައިވެއެވެ.
ޓްރަމްޕް ބުނީ ވެނެޒުއެލާ ”އިސްލާހު“ ކުރުމަށް ކަމަށްބުނެ އެމެރިކާއިން ކުރާ މަސައްކަތަށް އެ ޤައުމުގެ ސަރުކާރުން އެއްބާރުކުން ނުދޭނަމަ އަލުން ހަމަލާ ދޭނެ ކަމަށާއި ލެޓިން އެމެރިކާގެ ބައެއް އެހެން ޤައުމުތަކުން ވެސް އެ ފަދަ ފިޔަވަޅަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.
އެގޮތުން ކޮލޮމްބިޔާއާއި މެކްސިކޯއިން އެމެރިކާއަށް އެތެރެވާ ޑްރަގްސްގެ އަދަދު މަދު ނުވާ ކަމަށް ވާނަމަ އެ ޤައުމުތަކާ ދެކޮޅަށް އެފަދަ ފިޔަވަޅެއް އެޅުން އެކަށީގެންވާ ކަމަށް ޓްރަމްޕް އިންޒާރު ދިނެވެ.



