ހެންވޭރުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ޖެނެރަލް ޕްރެކްޓިސް ކުލިނިކުގެ މަސައްކަތް މި މަސް ތެރޭގައި ފެށުމަށް ތައްޔާރު ވަމުންދާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުންނެވެ.
ސީއީއޯ އިބްރާހިމް އަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ އަމާން އުދަރެސްގައި ޤާއިމުކުރާ ޖީޕީ ކުލިނިކުގެ މަސައްކަތް ކުރިއަށް އޮތް ރަމަޟާން މަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި ހެންވޭރުގައި ތަރައްޤީ ކުރާ ޖީޕީ ކުލިނިކުގެ މަސައްކަތް މި މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ސީއީއޯ ވަނީ ހާމަކުރައްވާފައެވެ.
ޖެނެރަލް ޕްރެކްޓިސް ކުލިނިކް ނުވަތަ ޖީޕީ ކްލިނިކްތަކަކީ، މާލެ ސަރަޙައްދުގައި ހުންނަ ބޮޑެތި ހޮސްޕިޓަލްތަކުގެ އެމަރޖެންސީ ރޫމްތަކަށް އޮންނަ ލޯޑު ކުޑަކުރުމަށްޓަކައި ސަރުކާރުން މާލޭގައި ޤާއިމު ކުރާ ކުލިނިކުތަކެކެވެ.
މާލެ ސަރަހައްދުގެ ހަ ތަނެއްގައި ސަރުކާރުން ގާއިމުކުރަން ނިންމާފައިވާ ޖީޕީ ކްލިނިކްތަކުން ފެމިލީ މެޑިސިން ޕްރެކްޓިޝަނާއަށް ދެއްކުމުގެ ޚިދުމަތާއި، އާންމު ބަލިތަކަށް ފަރުވާ ދިނުން، ޖީޕީ ޑޮކްޓަރުން ލަފާ ދޭ ޓެސްޓުތައް ހެދުން، ބޭސް ސިޓީ އައުކުރުން، ކުދި ޕްރޮސީޖާތައް ހެދުން އަދި އެކްސްރޭ ނެގުން ހިމެނެއެވެ. އަދި ބޭސް ފިހާރައެއްގެ ޚިދުމަތް ވެސް ލިބިގެންދާނެއެވެ.



