ރާއްޖޭގެ ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް ފަހުގެ ތާރީހެއްގައި ނުހިންގާ ވަރުގެ އުމްރާނީ ތަރައްޤީގެ ބިޔަ މަޝްރޫއެއް މި ސަރުކާރުން ފައްޓަވާފައިވާކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓަރު މިހެން ވިދާޅުވީ އެ މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތުދިނުމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ، މުޅި ހޮސްޕިޓަލް ނިޒާމަކީ ވަށާޖެހޭ ނިޒާމަކުން އެއް ޑިޕާޓްމަންޓެއް އަނެއް ޑިޕާޓްމަންޓަކަށް ބަރޯސާވާ ނިޒާމެއް ކަމަށެވެ.
”މިއީ އެއް ޕްރޮޖެކްޓް އަނެއް ޕްރޮޖެކްޓަށް ވަރަށް ބޮޑަށް ބަރޯސާވާ ވަރަށް ގުޅިލާމެހިފައިވާ ނިޒާމަކުން ނޫނީ ތަރައްޤީ ނުކުރެވޭނެ ނިޒާމެއް.ރައީސް މުއިއްޒު އެޑްމިނިސްޓްރޭޝަންއާއި ހަވާލުވެގެން މަސައްކަތް ފަށައިގަނެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކުންނާއި ޚިދުމަތްތައް ފުޅާކުރަން ކުރި މަސައްކަތުން އެންމެ ބޮޑަށް ފާހަގަވި އެއް ކަމަކީ އަތޮޅުތެރޭގެ އުމްރާނީ ތަރައްޤީ ވަރަށް ބޮޑަށް ވީރާނާވެ ހަލާކުވެފައިވާކަން.“ މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު ރާއްޖޭގެ ސިއްޙީ ދާއިރާ ތަރައްޤީކުރުމަށްޓަކައި ފަހުގެ ތާރީހެއްގައި ނުހިންގޭ ވަރުގެ ބޮޑު އުމްރާނީ ތަރައްޤީގެ މަޝްރޫއެއް ފައްޓަވާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ނާޒިމް ވިދާޅުވީ، ރާއްޖޭގެ ސިއްހީ ދާއިރާ ފުޅާކުރުމަށް ސިއްހީ ޚިދުމަތް ހޯދަން މާލެއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި އަތޮޅުތެރޭގެ ހޮސްޕިޓަލްތައް ތަރައްޤީކޮށް އެތަންތަނުން ލިބޭ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ.




