ރާއްޖޭގައި ކެންސަރު ބަލި އޮތީ ކަންބޮޑުވާ ދަރަޖައެއްގައި ކަމަށް ވިޔަސް އެ ބަލި ޖެހޭ މީހުންގެ އަދަދު ގިނަވާ ސަބަބު އަދި ނުހޯދޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރ ނާޒިމް ވިދާޅުވީ، ކެންސަރު ބަލިޖެހޭ މީހުންގެ އަދަދު ގިނަކަން ދިރާސާ ނުކުރިޔަސް އެނގޭ ކަމަށެވެ. ނަމަވެސް އެފަދަ ދިރާސާއެއް އަދި ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
”އެކަމަކު އެނގެން ނެތް ކަމަކީ ކެންސަރުގެ ވަރަށް ގިނަ ވައްތަރުތައް، އެއީ އެކި ގޮތްގޮތަށް ޖެހޭ ބައްޔަކަށް ވުމާއެކު ވަކި މިވެނި ސަބަބަކާހެދިއޭ މިހެން ޖެހެނީ، އެއީ އަޅުގަނޑުމެންނަށް ހެދިފައި އޮތް ސްޓަޑީއެއް ނޫން. އަދި އެނގެން އޮތް ކަމެއް ވެސް ނޫން. ބައެއް ހާލަތްތަކުގައި އެއީ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން އަންނަ ކަމެއް. އަނެއްބައި ފަހަރު އެއީ އާއިލީ ގޮތުން ވެސް އަންނަ ކަމެއް ކަމަށް ވަނީ“ މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
ހެލްތު މިނިސްޓަރ ވިދާޅުވި ގޮތުގައި، ސަރުކާރުގެ ސިޔާސަތަކީ ”އަރލީ ޑައިގްނޯސް އަށް“ ބާރު އެޅުމެވެ. އެހެންވެ ސަރުކާރުން އަންނަނީ އެފަދަ ޓެސްޓުތައް ރަށްރަށުގައި ހެދޭނެ އިންތިޒާމުތައް ވެސް ހަމަޖައްސަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



