މުދަލުގެ އަގު ކަނޑައެޅުމުގެ ހަރުދަނާ އުސޫލުތަކެއް މޯލްޑިވްސް ކަސްޓަމްސް އިން ޤާއިމްކޮށްފިއެވެ.
ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ހަރުދަނާކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތައް އޮޅުންފިލުއްވުމަށް 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ކަސްޓަމްސްއަށް ވެރިފައިބަލް ލިޔެކިޔުމާއެކު އިންވޮއިސްގެ އަގު ފާސްކުރުމަށް ހުށަހަޅާ އަގަށް ވުރެ ބޮޑު އަގެއް ކަނޑައަޅާ މައްސަލަ ޙައްލުކޮށްދެއްވުމަށް އެދި ވިޔަފާރިވެރިން ރައީސް އަށް ހުށަހެޅުއްވުމާ ގުޅިގެން އެކަން ޙައްލުކުރުމުގެ މަސައްކަތް ކަސްޓަމްސް އިން ކުރަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.
އެގޮތުން ކަސްޓަމްސްގެ ޤާނޫނުގެ 63ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ ”އެގްރީމަންޓް އޮން އިމްޕްލިމެންޓޭޝަން އޮފް އާޓިކަލް VII އޮފް ދަ ޖެނެރަލް އެގްރީމަންޓް އޮން ޓެރިފްސް އެންޑް ޓްރޭޑް 1994“ އާ އެއްގޮތްވާ ގޮތުގެ މަތިން، މުދަލެއްގެ ކަސްޓަމްސްގެ އަގު ކަނޑައެޅުމުގައި އަސާސީ އުސޫލު ކަމަށް ބަލާނީ، އެ މުދަލެއްގެ މުޢާމަލާތުގެ އަގު ނުވަތަ ”ޓްރާންސެކްޝަން ވެލިއު“އަށް ބަލައިގެން ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
އެހެންކަމުން ވެރިފައަބަލް ލިޔެކިޔުމާއެކު މުދަލުގެ އަގު ކަނޑައެޅުމަށް ކަސްޓަމްސްއަށް ހުށަހެޅުމުން އެ އަގު ޤަބޫލުކުރެވޭނެ ކަމަށް ކަސްޓަމއސް އިން ވަނީ ބުނެފައެވެ.
”ވެރިފައަބަލް ލިޔެކިޔުން ހުށަހަޅާފައި ނުވާނަމަ އެގްރީމަންޓަށް ރިޔާއަތްކޮށް ކަސްޓަމްސްއަށް ހުށަހެޅި އަގު 25 އިންސައްތައަށް ވުރެ ބޮޑުކުރަން ޖެހިއްޖެނަމަ، ވެރިފަރާތުން ރިކުއެސްޓް ނުކުރި ނަމަވެސް އެ މުދަލާ ގުޅޭގޮތުން ކަސްޓަމްސްއިން އިތުރު ބެލުންތައް ބަލާނެ.“ ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
ކަސްޓަމްސް އިން ބުނީ ވެރިފިކޭޝަން ހެދުމުގެ އިތުރު މަރުޙަލާއެއް ކުރިއަށް ގެންގޮސް، އަގު ރިވިއު ކުރެވޭނެ ހަރުދަނާ ޕްރޮސެސްއެއް މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޤާއިމުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ބަދަލުކުރާ އަގު، ހުށަހެޅި އަގުގެ 25 އިންސައްތަ ކުޑަނަމަ، މިހާރުވެސް ޢަމަލުކުރާ އުސޫލުން 3 މަރުޙަލާއެއްގައި، އެ އަގު ރިވިއުކޮށްދިނުމަށް ރިކުއެސްޓް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ކަސްޓަމްސް އިން ބުނެފައި ވެއެވެ.



