މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ބައިނަލްއަޤްވާމީ ފުޓުބޯޅަ މުބާރާތެއް ރާއްޖޭގައި ބާއްވަން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.
މިއީ ރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމަށް ’ޑައިމަންޑް ޖުބިލީ‘ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ނަމުގައި ބާއްވާ މުބާރާތެކެވެ.
އެގޮތުން މިއަދު ބޭއްވި އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ ނުވަ ވަނަ ބައްދަލުވުމުގައި އެ އެސޯސިއޭޝަނުން ވަނީ ބައިނަލްއަގްވާމީ ފުޓުބޯޅަ މުބާރާތެއް ރާއްޖޭގައި ބާއްވަން ތާވަލުކޮށްފައެވެ.
މި މުބާރާތް ބާއްވަން ތާވަލުކޮށްފައި ވަނީ މި އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހާ ދެމެދު މާލޭގައެވެ.
މީގެ އިތުރުން އެ މުބާރާތުގައި ބައިވެރިވާން، އަވަށްޓެރި ސްރީލަންކާއަށާއި ބަންގްލަދޭޝްގެ އިތުރުން ނޭޕާލްގެ ޤައުމީ ޓީމަށް ދައުވަތުދޭން އެފްއޭއެމުން ވަނީ ނިންމާފައެވެ.
ބައިނަލްއަޤްވާމީ މުބާރާތުގެ އިތުރުން ވެސް އަންނަ ފެބްރުއަރީ މަސްތެރޭގައި 19 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތެއް ބާއްވަން ވެސް އެފްއޭއެމް އިން ވަނީ ނިންމާފައެވެ.




