ރާއްޖޭގެ އަސްކަރީ އަދި ރެސްކިއު އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް އިންޑިއާއިން ހަދިޔާކުރި އުޅަނދުތައް އޮޕަރޭޓްކުރުމަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ދެގައުމުން އެއްބަސްވެފައިވާ ގޮތަށް ކުރިޔަށްދާނެކަމުގެ ޔަގީންކަން އިންޑިއާއިން ދީފައިވާ ކަމަށް ދިވެހި ޚާާރިޖިއްޔާއިން ބުނެފި އެވެ.
ޚާރިޖިއްޔާއިން މިހެން ބުނެފައިވަނީ، މިއަދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގައި ބޭއްވި ދެގައުމުގެ މަތީ ފެންވަރުގެ ކޯ ގްރޫޕްގެ ހަތަރުވަނަ ބައްދަލުވުމާއި ގުޅޭގޮތުން އާންމުކޮށްފައިވާ ބަޔާނުގަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އިންޑިއާ ސިފައިން ބޭލުމުގައި ދިވެހި ސަރުކާރުން ހުށަހަޅާ އަދި އިންޑިއާއިން އެއްބަސްވެފައިވާ ގޮތުގެ މަތިން، ސިފައިން ބޭލުމުގެ މަސައްކަތް ތާވަލުކުރެވުނުގޮތަށް ކުރިޔަށްގެންދާނެކަމުގެ ޔަގީންކަން އިންޑިއާގެ ފަރާތުން ދީފައި ވާކަމަށެވެ. އެގޮތުން ތިން އޭވިއޭޝަން ޕްލެޓްފޯމްގެ ތެރެއިން އެންމެ ފަހު ޕްލެޓްފޯމްގައި ތިބި ސިފައިން 10 މެއިގެ ނިޔަލަށް ބަދަލުކުރުމަށް ކުރަންޖެހޭ ލޮޖިސްޓިކް ހުރިހާ އިންތިޒާމުތަކެއް ޝެޑިއުލްއާ އެއްގޮތަށް ކުރިއަށްދާކަން ފާހަގަކޮށްފައި ވެއެވެ.
މިއަދުގެ މަޝްވަރާތަކުގައި ދެގައުމުންވެސް މިހާރު ދެގައުމުގެ އެއްބާރުލުން ދެމުންދާ ގޮތް މުރާޖަޢާކޮށްފަ އެވެ. އެގޮތުން ތަރައްޤީއާއި ދިފާޢީ އެއްބާރުލުން ހިމެނޭ ގޮތަށް ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރެވިފައި ވެއެވެ.
ކޯ ގްރޫޕްގެ ފަސްވަނަ ބައްދަލުވުން ދެ ގައުމުން އެއްބަސްވާ ތާރީޚެއްގައި ރާއްޖޭގައި ބޭއްވުމަށް މިއަދުގެ ބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ދެބުރެއްގެ މަތިން މިހާރުވަނީ އިންޑިއާއަށް ގެންގޮސްފަ އެވެ. ސިފައިންގެ ބަދަލުގައި ދެން އޭވިއޭޝަން ޕްލެޓްފޯމްތަކުގައި ހަރަކާތްތެރިވާނީ އިންޑިއާގެ މަދަނީ ފަންނުވެރިންކަމަށް ސަރުކާރުން ބުނެފައި ވެއެވެ.




