މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ހަދާ ބަނދަރު، ދުބާއީ ޕޯޓްސް ވޯލްޑް (ޑީޕީ ވޯލްޑް) އަށް ވިއްކާލަން އުޅޭ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ދޮގުކުރައްވައިފިއެވެ.
މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ، ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރު އެމްއޭސީއެލް އިން ރާއްޖެ ގެނެސް ހއ. ދިއްދޫގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރ ޒަމީރު މިހެން ވިދާޅުވެފައިވާއިރު، މާލޭގެ ވިޔަފާރި ބަނދަރު ޑީޕީ ވޯލްޑަށް ”ވިއްކާލަން“ ސަރުކާރުން އުޅޭ ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ އިއްޔެ ރޭ ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވައިފައެވެ.
ޕީއެންއެފްގެ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ތިލަފުށީގައި ހަދާ ބަނދަރު ޑީޕީ ވޯލްޑަށް ”ވިއްކާލުމުގެ“ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު، އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް 25 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުން ފަދަ ކަމެއް ކަމަށް ޔާމީން ވިދާޅުވިއެވެ.
ނަމަވެސް ތިލަފުށީގެ ބަނދަރާ ގުޅޭ ގޮތުން ރައީސް ޔާމީނާއި އެހެން ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތައް މިނިސްޓަރ ޒަމީރު އިއްޔެ ދޮގުކުރެއްވިއެވެ.
މިނިސްޓަރ ޒަމީރު ވިދާޅުވި ގޮތުގައި އެމްޕީއެލް ޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ގުޅޭ ކަންކަމަށް އިންވެސްޓް ކުރަން އެކި ފަރާތްތަކުން ބޭނުންވެ އެވެ. އެކަމަކު، އެ ޕްރޮޕޯޒަލްތައް ބައްލަވާފައި ދިވެހިންނަށް ގެއްލުން ވާނެ އެއްވެސް ކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނުކުރައްވާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.
”ރައީސުލްޖުމްހޫރިއްޔާއަކީ ވަރަށް އިލްމީ ބޭފުޅެއް. ވަރަށް ހައި އެނާޖިކަލް އެބިލިޓީ ހުންނަ ބޭފުޅެއް. އެހެންވީމާ ލިބިވަޑައިގަންނަވާ ޕްރޮޕޯޒަލްތަކާއި ވަޒީރު ވިދާޅުވާ ވާހަކަތައް ވަރަށް ބޮޑަށް ބައްލަވާފައި ޑިސިޝަން ނަންގަވަނީ،“ ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.



