ބްރެޒިލްއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން ކުރިމަތިވި ހާދިސާތަކުގައި 29 މީހުން މަރުވެއްޖެ އެވެ.
ބައިނަަލްއަގުވާމީ މީޑީއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފެންބޮޑުވުމުގެ ތަފާތު އެކި ހާދިސާތަކުގައި 29 މީހުން މަރުވެ،60 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ. ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.
ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ރިއޯ ގްރާންޑޭ ދޮސޫލް އަވަށަށެވެ. އެ ސްޓޭޓްގެ 150 އަވަށަކަށް ވިއްސާރައިގައި ގެއްލުން ލިބިފައިވާއިރު، 67،000 މީހުންނަށް ސީދާގޮތެއްގައި ވިއްސާރައިގެ އަސަރުކޮށްފައި ވެއެވެ.
ވިއްސާރައިގައި 10،000 މީހުން މަގުމަތިވެފައިވާއިރު، 4،500 މީހުން މިހާރު ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ.
ވިއްސާރައިގައި ކޯރުތައް ފުރި ބަންޑުންވުމާއި، ބިންގަނަޑު ކަނޑައިގެން ދިއުމުގެ ތަފާތު އެކި ހާދިސާތައް ހިނގަމުންދާތީ މިހާރު އެސްޓޭޓްގައި ސަލާމަތީ ފިޔަވަޅުތައް އަޅައި، އަސަރުކޮށްފާނެކަމަށް ބެލެވޭ ސަރަހައްދުތަކުގައި ތިބި މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ބްރެޒިލްގެ ދިފާއީ އޮފިޝަލުން ބުނެފައި ވެއެވެ.



