ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ޒުވާން އަންހެނަކާ ފިރިހެނަކު މިދިޔަ އާދީއްތަ ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު، ފަލަކް / ޝާއިން ޢަލީ (27އ.) އާއި އއ. ފެރިދޫ، އިޙްރާމްގެ / އާއިޝަތު މާޝާ އަހްމަދު (20އ.) އެވެ.
މި އޮޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހެންވޭރު ގެއެއްގެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާއިރު އެއެޕާޓްމަންޓުން ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންނަށް ވެސް ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ޖަހައިފައެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.




