މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިހާރުވެސް އެއް ވަގުތެއްގައި ބިން ހިއްކުމުގެ ބޮޑު ތިން މަޝްރޫއުއެއް ކުރިއަށް ގެންދަމުން އަންނަ ކަމަށާއި އެ މަޝްރޫއުތައް ދީފައިވާ ތާރީހަށް ނިންމާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެއެވެ.
ސީއީއޯ އަދި އެމްޑީ ޝަރީފު އެގޮތަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ދަށުން ހއ. ދިއްދޫ އެއަރޕޯޓް ތަރައްގީކުރުމާއި ބޯހިޔާވަހިކަމާއި އެހެނިހެން ހިދުމަތްތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލް އިން ފެށުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޝަރީފުގެ ވާހަކަފުޅުގައި މިއަދަކީ ދިއްދޫ ރައްޔިތުންނަށް ވަރަށް ބޮޑު އުފާވެރިކަމެއް އަދި ދުވަސްވީ ހުވަފެނެއް ހަގީގަތަކަށްވި ދުވަހެއްކަން ފާހަގަކުރައްވައި އެކަމަށްޓަކައި ދިއްދޫ ރައްޔިތުންނަށް މަރުހަބާ ވިދާޅުވިއެވެ. އަދި އެމްއޭސީއެލްއަށް އިތުބާރު ކުރައްވައި، ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކުރެއްވީތީ މުޅި ކުންފުނީގެ ނަމުގައި ރައީސަށް، ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު މުހައްމަދު ހާއްސަ ޝުކުރެއް އަދާކުރެއްވިއެވެ.
މީގެ އިތުރުން ޝަރީފު ވިދާޅުވީ، މި މަޝްރޫއު ހަވާލުކުރެއްވުމަށްފަހު ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި މަޝްރޫއު ނިންމެވުމަށް ރައީސް މުއިއްޒު އިރުޝާދު ދެއްވި ކަމަށެވެ.
އެގޮތުން ރައީސްގެ އިރުޝާދުފުޅާއެކު ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކުރުމަށް ގެނެސްފައިވާ ”ލީވް އެރިކްސަން“ އަކީ ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރުކަން ސީއީއޯ އަދި އެމްޑީ ޝަރީފު ފާހަގަކުރެއްވިއެވެ.
އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ ޝަރީފު ވިދާޅުވީ، ދިއްދޫ ބިން ހިއްކައި އެއާޕޯޓް އެޅުމުގެ މަޝްރޫއު އާއެކު ރަށުގެ އިގުތިސާދު ތަންމިނަށް ހުޅުވިގެންދާނެ ކަމަށާއި ކުރެވޭނެ ކަންތައްތައް އިންތިހާއަށް އިތުރުވެގެންދާނެ ކަމަށެވެ. އެހެންކަމުން ލިބުނު ފުރުސަތުގެ ބޭނުން ހިފައިގެން ދިއްދޫއަކީ މި ސަރަހައްދުގެ ސެންޓަރަކަށް ހެދުމަށް ވެސް ދިއްދޫގެ ރައްޔިތުންނަށް ޝަރީފު އިލްތިމާސް ކުރެއްވިއެވެ.




