ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން ފަންޑު އެފްއޭއެމްއަށް ފޮނުވި ފައިސާއަށް ހިޔާނާތްވި މައްސަލާގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ ސާބިތުވުމާ ގުޅިގެން އޭނާގެ މައްޗަށް އެންމެ ބޮޑު ހުކުމް އިއްވައިދޭން މިއަދު ދައުލަތުން ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.
ހިޔާނާތާއި މަނީ ލޯންޑްރިންގެ ކުށުގައި މިހާރު ވެސް ނުވަ އަހަރުގެ މުއްދަތަށް ޖަލަށް ލާފައިވާ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ކުރަނީ އެފްއޭއެމަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) އަށް އޭނާ ހިޔާނާތްތެރިވި ކަމަށް ބުނެ އުފުލިފައިވާ ދައުވާއާ ގުޅިގެންނެވެ.
ދައުލަތުން ދައުވާ ކުރާ ގޮތުގައި، އެ ފައިސާ ބައްސާމް ބޭނުން ކޮށްފައިވަނީ އަމިން އެވެނިއުގެ ދެ ޕެންޓްހައުސެއް ގަތުމަށެވެ. އެކަން ކޮށްފައިވަނީ ދައުވާގައިވާ ގޮތުން ޑޮލަރު މާރުކުރަން ކަމަށް ބުނެ، އެފްއޭއެމްއިން ފައިސާ ނެރުމަށްފަހު އެ ފައިސާ އެޕާޓްމެންޓް ގަތުމަށް އަމިންއަށް ޖަމާކޮށްގެންނެވެ.
ބައްސާމްގެ މައްޗަށް ކުރާ އެ ދެ ދައުވާ ސާބިތުވާ ކަމަށް ގާޒީ ވަނީ މިދިޔަ އާދިއްތަ ދުވަހު ކަނޑައަޅުއްވައިފަ އެވެ. އަދި މިއަދު ވަނީ އެ މައްސަލައިގެ އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަން އަޑުއެހުމެއް ބާއްވައިފައެވެ.
އެ އަޑުއެހުމުގައި ދައުލަތުން އެދުނީ މީގެ ކުރިން ވެސް ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ ބައްސާމްގެ މައްޗަށް ސާބިތުވެފައިވާތީ އަދި އޭނާ ހިޔާނާތްތެރިވެފައިވަނީ އެތައް ގިނަ ޒުވާނުނެއްގެ މަސްލަހަތު ހިމެނޭ ފައިސާއަށް ކަމަށް ވާތީ އެންމެ ބޮޑު އަދަބު އިއްވައިދޭށެވެ. އަދި އެ ފައިސާއަށް ހިޔާނާތްވުމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް ވެސް ގެއްލުންވިކަން ދައުލަތުން ފާހަގަކުރިއެވެ.
ހިޔާނާތުގެ ދައުވާގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހުގެ ޖަލު އަދަބެވެ. ދައުލަތުން އެދުނީ އެ އަދަބު ބޮޑުކޮށް، ހަތަރު އަހަރުގެ ހުކުމެއް އިއްވުމަށެވެ. މީގެކުރިން ބައްސާމްގެ މައްޗަށް ސާބިތުވި ހިޔާނާތުގެ ދައުވާއާ ގުޅިގެން ވެސް އިއްވީ ހަތަރު އަހަރުގެ ހުކުމެކެވެ.
މަނީ ލޯންޑްރިންގެ ދައުވާ ވެސް ސާބިތުވާ ކަމަށް ކަނޑައަޅާފައިވާއިރު، އެ ކުށުގެ އަދަބަކީ ފަސް އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ. މީގެ ކުރިން ބައްސާމަށް އިއްވާފައި އޮތީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް، ދައުލަތުން މިއަދު އެދުނީ ބައްސާމްގެ މައްޗަށް އެންމެ ބޮޑު އަދަބުގެ ގޮތުން 15 އަހަރުގެ ޖަލު ހުކުމް އިއްވުމަށެވެ.
މީގެއިތުރުން ޖޫރިމަނާގެ ގޮތުން، ބައްސާމް ހިޔާނާތްވި 1.2 މިލިއަން ޑޮލަރުގެ ފަސް ގުނަ އިތުރުވާ އަދަދެއް ނަގައިދިނުމަށް ވެސް ދައުލަތުން އެދުނެވެ. އަދި ބައްސާމް އެޕާޓްމެންޓް ގަތުމަށް 61 ދުވަސް ތެރޭ ދައްކާފައިވާ 6 މިލިއަނެއްހާ ރުފިޔާއަކީ މަނީ ލޯންޑާކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ޝަރީއަތުން ކަނޑައަޅާފައިވާތީ އެ ފައިސާ ނަގައިދިނުމަށް ވެސް އެދިފައިވެއެވެ.



