ގެދޮރު ގަތުމަށާއި ގެދޮރު އިމާރާތްކޮށް މަރާމާތުކުރުމަށް ޑައުންޕޭމަންޓް ފައިސާދެއްކުމަށް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތް ހަދަން ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އަންނަ މަހުގެ ނިޔަަލަށް ދިރާސާކޮށް ނިންމަން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު ހުށަހެޅުއްވި އެ ބިލު މަޖިލީހަށް ބަލައިގަނެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީއަށް ފޮނުވާފައި ވަނީ އިއްޔެއެވެ.
މިއަދު އޮތް އެ ކޮމެޓީގެ ބައްދަލުވުމުގައި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ވަނީ ބިލްގެ ދިރާސާއަށް ޕެންޝަން އޮފީހާއި ކަމާ ގުޅުން ހުރި އިދާރާތަކުގެ ކޮމެންޓްތައް ހޯދަން ފޮނުވާލަނއ ހުށަހަޅާފައެވެ.
އަދި ބިލްގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމަން ހުށަހަޅާފައި ވާއިރު ކޮމެޓީއަށް ހާޒިރުވެ ތިބި މެންބަރުންގެ އިއްތިފާގުން ވަނީ އެ ބިލުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމަން ފާސްކޮށްފައެވެ.
އަލަށް ގެންނަން ހުށަހަޅާފައިވާ އިސްލާހްގައިވާގޮތުން ގެދޮރު ގަތުމަށްޓަކައި ނުވަތަ ގެދޮރު އިމާރާތް ކުރުމަށްޓަކައި ނުވަތަ ގެދޮރު މަރާމާތުކުރުމަށްޓަކައި ބޭނުންވާ ޑައުންޕޭމަންޓް ފައިސާ، އެ މީހެއްގެ ނަމުގައި ޕެންޝަން ފަންޑުގައި ހުންނަ ފައިސާއިން، އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައިވާ ގޮތުގެމަތިން ބޭނުން ކުރެވޭނެއެވެ.
އަދި ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ ހާލަތްތަކުގައި އެ ފަރާތްތަކަށް ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރެވިދާނެ ކަަމަށް ކަނޑައަޅައި، އެ ފައިސާ ދޫކުރުމުގެ އުސޫލުތައް ގާނޫނުގައި ހިމަނައި ހައްޖުވުމަށްޓަކައި ދުރަލާ ޖާގަ ރިޒާވްކުރުމަށްޓަކައި ޕެންޝަން ފަންޑުގެ ފައިސާ ބޭނުން ކުރެވިދާނެ ކަމަށް ކަނޑައަޅަން އެ ބިލުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އަސާސީ ޕެންޝަން ލިބެމުންދާ މީހަކަށް، ޤާނޫނޫއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ މަގާމަކަށް އިންތިޚާބު ކުރެވިއްޖެނަމަ ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާ އަށް އައްޔަނުކުރެވިއްޖެނަމަ އަސާސީ ޕެންޝަން ޙައްޤު ނުވާނެކަމަށްވެސް އެ އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.



