އިސްރަށްވެހިންނަށް އަމާޒުކޮށްގެން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީން ކުރިއަށްގެންދާ ”އުފާވެރި ރާސްތާ“ ޕްރޮގްރާމުގައި 1000 އަށްވުރެ ގިނަ އިސްރަށްވެހިން ބައިވެރިވެފައިވާ ކަމަށް އިޖުތިމާޢި އަދި ޢާއިލީ ތަރައްޤިއާ ބެހޭ މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ، ރައީސް އޮފީހުގައި ބޭޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، މި ޕްރޮގްރާމަކީ އިސްރަށްވެހިންނަށް ވަރަށް ކަމުދާ އަދި ހިތްހަމަޖެހޭ މަޢުލޫމާތުތަކެއް ލިބިގެންދާ ޕްރޮގްރާމެއްގެ ގޮތުގައި އެފަރާތްތަކުން ފާހަގަކުރައްވާފައިވާ ކަމުގައި ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އުފާވެރި ރާސްތާ ޕްރޮގްރާމަކީ އިޖުތިމާޢީ އަދި ސިއްހީ ގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބުމަށް އިސްރަށްވެހިން ސަމާލުކަންދޭންވީ މުހިންމުކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމުގެ މަޤުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިގޮތުން އުފާވެރި މާހައުލަކުން އިސްރަށްވެހިން އެކަކު އަނެކަކާއި ބައްދަލުވެ ހިޔާލު ބަދަލު ކުރުމުގެ ފުރުސަތު ވެސް މި ޕްރޮގްރާމުގެ ތެރެއިން އިސްރަށްވެހިންނަށް ފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
ހަމައެހެންމެ އެއީ އުމުރުން ދުވަސްވާއިރު ޞިއްޙީގޮތުން ދުޅަހެޔޮކޮށް ހުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކަށް އަލިއަޅުވާލައި ކުރިއަށް ގެންދެވޭ މި ޕްރޮގްރާމަކީ، އިސްރަށްވެހިންގެ ދިރިއުޅުމުގެ ތަޖުރިބާތައް މި ޖީލާއި ހިއްސާކޮށްލުމަށް ފުރުޞަތު ލިބިގެންދާ އުފާވެރި ޕްރޮގްރާމެއް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.



