ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް މަނީ ލޯންޑާކުރަން މަގުފަހިކޮށްދިން ކަމަށް ބުނެ އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ނިންމި ނިންމުން އިސްތިއުނާފް ކުރަން ގަސްދުކުރާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފިއެވެ.
މިކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އަމިން ކޮންސްޓްރަކްޝަން ހިމެނޭ މުއާމަލާތާ ގުޅިގެން ބައްސާމްގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވާއިރު، އެ މުއާމަލާތާ ގުޅިގެން އަމިން ކުންފުނީގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ބެލެވޭ ކަމަށެވެ.
އެހެންކަމުން އަމީން ކޮންސްޓްރަކްޝަންގެ ބައި ހައި ކޯޓުގައި އިސްތިއުނާފުކުރުމަށް ގަސްދުކުރާ ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.
ނަމަވެސް، އެކަމުގައި އެންމެ ފަހު ނިންމުމެއް ނިންމެން އޮތީ އެ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު ލިބުމުން ކަމަށް ވާތީ، އެ ރިޕޯޓް ޕީޖީ އޮފީހަށް ލިބުމުން އިސްތިއުނާފުކުރުމާ މެދު ފަހުގެ ނިންމުމެއް ނިންމާނެ ކަމަށް ބުންޏެވެ.



