އއ. އުކުޅަހުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު އެކުލަވައިލުވުމުގެ މަސައްކަތް ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ މި މަސައްކަތަކީ އއ. އަތޮޅުގެ ރަށްރަށުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ އުކުޅަހު ޕޮލިސް ޕޯސްޓުން އިސްނަގައިގެން ރަށު ކައުންސިލުގެ އެހީތެރިކަމާ އެކުގައެވެ.
ފުލުހުން ބުނީ މި މަސައްކަތުގެ ތެރެއިން، ރަށުގެ ގޭބިސީތަކުގައި ދިރިއުޅޭ ބިދޭސީންނާއި ގެސްޓު ހައުސްތަކުގައި މަސައްކަތް ކުރާ ބިދޭސީން އަދި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ތަންތަނުގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްކުރިއަށް ގެންދާނެ ކަމަށެވެ.
މި ހަރަކާތުގެ ތެރެއިން، އެ ރަށުގެ ގެސްޓްހައުސްތަކަށް ޒިޔާރަތްކޮށް އެ ތަންތަނުގެ ސަލާމަތީ ކަންކަން ހުރިގޮތް ބެލުމުގެ މަސައްކަތް ވެސް މިއަދު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
”މިގޮތުން ގެސްޓްހައުސްތަކުގައި ހަރުކޮށްފައިވާ ސެކިއުރިޓީ ކެމެރާ ސިސްޓަމްތަކުގެ ހާލަތު ދެނެގަތުމާއި، އަލިފާން ނިއްވުމަށް ބޭނުންކުރާ ސާމާނު ރަނގަޅަށް ހުރިތޯ ވަނީ ބަލާފައި.“ ފުލުހުން ބުނެފައި ވެއެވެ.
އަދި އިތުރަށް ރަނގަޅުކުރަންޖެހޭ ކަމަށް ފާހަގަކުރެވުނު ކަންކަން ރަނގަޅުކުރުމަށް އިރުޝާދުދީފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.



