ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު ފުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފިއެވެ.
އީސީން ބުނީ އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ތާރީޚުގެ ކުރިން ޕޯޓަލް ހުޅުވާލުމުން، އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކަށް ޕޯޓަލް މެދުވެރިކޮށް ފުރިހަމަ ކުރަންޖެހޭ މަޢުލޫމާތު ފުރިހަމަކޮށް، އަޕްލޯޑުކުރަންޖެހޭ ލިޔެކިޔުންތައް އަޕްލޯޑުކުރުމަށް އެކަށޭނެ ވަގުތެއް ލިބި، ޕޯޓަލް މެދުވެރިކޮށް އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކަށް ތައްޔާރުވުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ.
އެގޮތުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން މައި ޕޯޓަލް my.elections.gov.mv އަށް ލޮގިންވާނީ އެ ފަރާތެއްގެ އަމިއްލަ ވެރިފައިޑް އީފާސް އެކައުންޓު މެދުވެރިކޮށް ކަމަށް އީސީން ބުނެފައި ވެއެވެ.
އީސީން ބުނީ އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ޙައިސިއްޔަތުގެ ގޮތުގައި ސިޔާސީ ޕާޓީއެއް އިޚްތިޔާރުކޮށްފިނަމަ އެ ޕާޓީއަކުން، އެ ކެންޑިޑޭޓަކު އެންޑޯޒްކުރުމަށް ރިކުއެސްޓެއް ދާނެ ކަމަށާއި ސިޔާސީ ޕާޓީތަކުން މި ރިކުއެސްޓްތައް ޕްރޮސެސް ކުރާނީ ސިމެދަ ޕޯޓަލްއިން ކަމަށެވެ.
އީސީން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އަމިއްލަގޮތުން ކުރިމަތިލާނަމަ، ކުރިމަތިލާ ދާއިރާއަށް ވޯޓުލުމުގެ ޙައްގު ލިބިގެންވާ، މަދުވެގެން 50 މީހުންގެ ތާއީދު ހޯދަންވާނެ ކަމަށެވެ.
އިންތިޚާބަށް ކުރިމަތިލާ ފަރާތުން، އެ ދާއިރާއަކަށް ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، މޯބައިލް ނަންބަރު ޖަހައި ހުށަހެޅުމުން، ވޯޓުލުމުގެ ޙައްގު ލިބިގެންވާ ފަރާތަށް އެސް.އެމް.އެސްގެ ޒަރިއްޔާއިން އެކަން އެންގޭނެ ކަމަށާއި ތާއީދު ދިނުމުގެ ރިކުއެސްޓްތައް ޤަބޫލުކުރުން ނުވަތަ ނުކުރުން ކަނޑައަޅާނީ، ދާއިރާއަށް ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ އަމިއްލަ އީފާސް އެކައުންޓް މެދުވެރިކޮށް މައި ޕޯޓަލްގެ ތެރެއިން ކަމަށް އީސީން ބުނެފައި ވެެއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފަރާތްތަކުން 50 މީހުންގެ ތާއީދު ހޯދާކަށް ނުޖެހޭނެ ކަމަށްވެސް އީސީން ބުނެފައި ވެއެވެ.
މި މުއްދަތުގެ ތެރޭގައި ޕޯޓަލް މެދުވެރިކޮށް މަޢުލޫމާތު ފުރިހަމަކުރުމަށްފަހު، ލިޔެކިޔުންތައް އަޕްލޯޑުކޮށް ސޭވް ކުރިނަމަވެސް، ކޮމިޝަނަށް ފޯމު ހުށަހެޅޭނީ، އިންތިޚާބަށް ކުރިމަތިލުމަށް ރަސްމީކޮށް ހުޅުވާލުމުންނެވެ.



