މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހުޅުމާލޭގައި ހިންގަން ނިންމާފައިވާ ހައުސިން މަޝްރޫއުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.
ހައްޖު ކޯޕަރޭޝަނުން ހުޅުމާލޭގައި ”ނިއަމް ރެސިޑެންސް“ގެ ނަމުގައި ހައުސިން މަޝްރޫއެއް ހިންގަން ނިންމައި، އެ އިމާރާތުގެ ޑިޒައިންގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ހަވާލުކުރީ ސެޕްޓެމްބަރު 24، 2024 ގަ އެވެ.
ހައްޖުކޯޕަރޭޝަނުން ކުރި އިއުލާނެއްގައި ވަނީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުގެ ދަށުން ހުޅުމާލެ 2 ގައި ރެސިޑެންޝިއަލް އިމާރާތެއް އަޅަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަވެ.
އެގޮތުން ބީލަމުގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އަދި ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ ދެވަނަ ދުވަހު ހެނދުނު 11:00 ގައި ހައްޖު ކޯޕަރޭޝަންގެ އިދާރާގައި ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.



