ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުހައްމަދު ފަޒީނަށް ދައުވާކޮށްފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ އިއްޔެ ފަޒީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި 2 ދައުވާއެއް އުފުލާފައިވާ ކަމަށެވެ.
އެއީ:
° ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ
° މީހެއްގެ ނުރުހުމުގައި އެމީހެއްގެ ގައިގައި އަތްލުމުގެ ކުށުގެ ދައުވާ
ބްރޯޑްކޮމްގެ މުވައްޒަފަކަށް ޖިންސީ ގޯނާކުރިކަން ފެންމަތިވެ، ރައްޔިތުންގެ މަޖިލީހުން އޭނާ ވަކިކުރުމުގެ މަސައްކަތް ފަށާފައި ވަނިކޮށް، މިދިޔަ އަހަރުގެ މާރިޗު މަހު އޭނާ ވަނީ މަގާމުން އިސްތިއުފާ ދީފައެވެ.
ނަމަވެސް އޭނާގެ އިސްތިއުފާގެ ސިޓީގައި، އޭނާ ވަނީ ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އަދި މަގާމުގެ މަސްއޫލިއްތުތައް އަދާކުރީ ޒިންމާދާރުކަމާއެކުގައި ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.



