ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެ ސަރަހައްދުގައި މިއަދު ވެސް ވައި ނުސާފު ކަމަށް އެއާ ކޮލިޓީ އިންޑެކްސް މޮނިޓާތަކުން ދައްކައިފިއެވެ.
ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން، އެ ސަރަހައްދުގެ ވައިގެ ކޮލިޓީ މިވަގުތު ހުރީ 179 ގައެވެ.
މީގެއިތުރުން މާލޭގައި އަމިއްލަ މީހަކު ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން، މާލޭގެ ވައިގެ ކޮލިޓީ މިވަގުތު ހުރީ 139 ގައެވެ.
އެއާ ކޮލިޓީ އިންޑެކްސް:
° 151-200 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ ރެޑް އެލާޓް. އޭގެ މަނާއަކީ ވައިގެ ނުސާފުކަން ހުރީ އެންމެންނަށް ނުރައްކާވާ މިންވަރަށްކަން.
° 101-150 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ އޮރެންޖު އެލާޓް. އޭގެ މަނާއަކީ ހައި ރިސްކު މީހުން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެކަން.
އައިކިއު އެއާ“ގައި ހުރި މައުލޫމާތުން ދައްކާ ގޮތުގައި، ވިލިމާލޭގައި ”ފައިން ޕާޓިކިއުލޭޓް މެޓާ“ (ހިރަފުސް ކުނޑި) ނުވަތަ ޕީއެމް2.5 މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 95 މައިކްރޯ ގްރާމްގަ އެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކަނޑައަޅާފައިވާ އެންމެ ދަށް މިންވަރަށް ވުރެ 19 ގުނަ މަތީ މިންވަރެކެވެ.
އެޗްޕީއޭއިން އިރުޝާދު ދީފައިވާ ގޮތުގައި، މި ހާލަތުގައި ބޭރު ތެރޭގައި އުޅޭ މިންވަރު މަދުކޮށް ބޭރަށް ނުކުންނަ ނަމަ މާސްކު އެޅުން ވަރަށް މުހިންމެވެ. އަދި ގޭތެރެއަށް ނުސާފު ވައި ވަނުމުގެ ފުރުސަތު ކުޑަކުރުމަށް ދޮރުތައް ބަހައްޓަން ބަންދުކޮށްފަައި ބެހެއްޓުމަށްވެސް އިރުޝާދު ދީފައިވެއެވެ.
މިވަގުތުގެ އެއާ ކޮލިޓީ އިންޑެކްސް ހުރި މިންވަރު:
° ވިލިމާލެ – 179 ގައި
° މާލެ – 139 ގައި
° ދ. ކުޑަހުވަދޫ – 161 ގައި
° ލ. ގަން – 155 ގައި
° ފުވައްމުލައް – 82 ގައި
° އައްޑޫ – 69 ގައި
° ށ. ފުނަދޫގައި – 109 ގައި
މާލެ ސަރަހައްދު މިއަދު އޮތީ ވަރަށް ބޮޑަށް ފުސްވެ، ދުރު ފެންނަ މިންވަރު ވެސް ވަރަށް ބޮޑަށް ދަށްވެފައެވެ.



