ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު، މާލެގައި ހުރި އެޕާޓްމަންޓަކުން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މިކަމާ ބެހޭގޮތުން ފުލުހުން ބުނީ ޑްރަގު އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސުން ހިންގި އޮޕަރޭޝަނުގައި މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކޮށް ކިލޯއަކަށް ވުރެ ގިނަ ޑްރަގު ފެނިފައިވާ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ގދ. މަޑަވެލި، ވަލުތެރޭގެ / މުހައްމަދު އީވާން ހާމިދު (23އ.) އާއި ހ. ސަކީނާމަންޒިލް / މުހައްމަދު ރާއިދު އަލީ އަސްގަރު (32އ.) އެވެ.
ފުލުހުން ބުނީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށެވެ.
އެ މައްސަލައިގެ އިތުރުން ފުލުހުން ވަނީ ބަނގުރާ ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލާއެއްގައި ހުޅުމާލެއިން ބަންގްލަދޭޝްގެ ރައްޔިތަކު ވެސް ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރީ އިއްޔެ ހެނދުނު ހުޅުމާލެ ފޭސް 1 ގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށްގެންނެވެ.




