ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ދުވަސް (ވޯލްޑް ނޯ ޓޮބާކޯ ޑޭ) އާއި ގުޅުވައިގެންދޭ ހާއްސަ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ ދުންފަތް ކޮންޓްރޯލްކޮށް ދުންފަތުގެ ނުރައްކަލުން މުޖުތަމަޢު ރައްކާތެރި ކުރުމުގެ ގޮތުން މަސައްކަތް ކުރަމުންދާ އަދި ވަކީން ޚާއްޞަކޮށް އެ އަހަރެއްގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޝިޢާރާ ގުޅުން ހުރި މަސައްކަތްތައް ކުރަމުންދާ ވަކިވަކި ފަރުދުންނާއި ޖަމުޢިއްޔާ ޖަމާޢަތްތަކާއި އިދާރާތަކަށް މި އިނާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން މި އެވޯޑަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޑަބްލިޔުއެޗްއޯގެ ލިންކްގައިވާ ފޯމް ފުރިހަމަ ކުރުމަށް ފަހު މި މަހުގެ 16 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފައެވެ.
ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ދުވަހާ ގުޅުވައިގެންދޭ ހާއްސަ އެވޯޑަށް ހުޅުވާލިއިރު ދުންފަތުން ސަލާމަތްވެފައިވާ ޖީލެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އީ-ސިނގިރޭޓާއި ވޭޕާއި އެފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީއާއި އާލާތްތަކެއް، ރާއްޖެ އެތެރެކުރުމާއި ގެންގުޅުން މަނާކުރުމާއި އަދި ދުންފަތުގެ ބާވަތްތައް ގަނެވިއްކުމުގެ ޤާނޫނީ އުމުރުފުރާ21 އަހަރަށް މަތިކޮށް، ދުންފަތުގެ ބާވަތްތައް އިޝްތިހާރުކޮށް ސްޕޮންސާކޮށް މަނާކުރުންފަދަ ކަންކަން ހިމެނެއެވެ.


