ވެނެޒުއެލާގެ ކޮންޓްރޯލް ނެގުމަށް ކުރާ މަސައްކަތް ރަޝިޔާއިން ކުށްވެރިކޮށްފިއެވެ.
ރަޝިޔާއިން މިފަދައިން ބުނެފައިވަނީ އެމެރިކާއިން ވެނެޒުއެލާއަށް ދީފައިވާ ހަމަލާތަކާ ގުޅިގެން އިއްޔެ ނެރުނު ބަޔާނެއްގައެވެ.
އެގޮތުން ވެނެޒުއެލާގެ ވަގުތީ ރައީސްގެ މަޤާމަށް އެ ޤައުމުގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި ޑެލްސީ ރޮޑްރިގެޒް ޙަވާލުވެވަޑައިގަތުމާ ގުޅިގެން ރަޝިޔާއިން ފުރަތަމަ ވަނީ އެ ބަޔާނުގައި މަރުހަބާ ކިޔާފައެވެ.
ރަޝިޔާއިން ބުނީ މި ޙާލަތުގައި ވެނެޒުއެލާގެ ހަމަޖެހުން ދަމަހައްޓައި، އެ ޤައުމަށް ހަތިޔާރު އެޅި ބަޔަކު ދީފައިވާ ހަމަލާތަކާއި ބިރުދައްކައިގެން ވަކި ކަމެއް ހާސިލުކުރުމަށް ކުރަމުންދާ މަސައްކަތާ ދެކޮޅަށް، ވަގުތީ ރައީސަކު އައްޔަނުކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.
ރަޝިޔާއިން ބުނީ މީގެ އިތުރުން ބުނީ، އިތުރު ފަރާތެއްގެ ފަނާކުރަނިވި ނުފޫޒެއް ނެތި ޤައުމުގެ މުސްތަޤުބަލާ މެދު ގޮތެއް ނިންމުމުގެ ފުރުސަތު ވެނެޒުއެލާގެ ރައްޔިތުންނަށް ލިބިދޭން ޖެހޭ ކަމަށެވެ. އަދި ރަޝިޔާއިން ވެނެޒުއެލާގެ ސަރުކާރާއި ރައްޔިތުންނާއެކު ދެމި އޮތް ކަމަށާއި، ވެނެޒުއެލާގެ އިސްތިގުލާލާއި ޤައުމީ މަސްލަހަތު ހިމާޔަތްކުރުމަށް އެ ޤައުމުން އަބަދު ވެސް އެހީތެރިވާނެ ކަމަށް ވެސް ބުންޏެވެ.
މި ހަފްތާގެ ތެރޭގައި އެމެރިކާއިން ވަނީ ވެނެޒުއެލާއަށް ޙަމަލާ ދީ، އެ ޤައުުމުގެ ރައީސް ނިކޮލަސް މަދޫރޯއާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށް ޤައުމުން ބޭރަށް ގެންގޮސްފައެވެ. އެމެރިކާއިން ވަނީ ޑްރަގް ވިޔަފާރު ކުރުމާއި ނިރުބަވެރި ކަމަށް ހިތްވަރު ދިނުމަށް ޑްރަގް ވިޔަފާރި ބޭނުންކުރުން ހިމެނޭ ގޮތަށް ހަތަރު ދައުވާއެއް މަދޫރޯއާ ދެކޮޅަށް އުފުލައިފައެވެ. ނަމަވެސް އެ ދައުވާތަކަށް މަދޫރޯ އިންކާރުކުރައްވައެވެ.



