ޒުވާނުންގެ ހުނަރު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ނާށި ބޭނުންކޮށްގެން އަތްތެރި މަސައްކަތްތައް ދަސްކޮށްދޭ ޚާއްސަ ވޯކްޝޮޕެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޔޫތު މިނިސްޓްރީން ބުނީ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15، 17 އަދި 18 ވަނަ ދުވަހު ކަމަށެވެ.
ޔޫތު ހަބްގެ ޓްރެއިނިންގ ރޫމްގައި ކުރިއަށްދާ މި ވޯކްޝޮޕަކީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެއް ކަމަށް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.
”މި ވޯކްޝޮޕްގައި ކާށިކުނބު ބޭނުންކޮށްގެން ތަފާތު ސަގާފީ އަދި ޒަމާނީ ތަކެތި ފަރުމާކޮށް ތައްޔާރުކުރާނެ ގޮތްތައް ދަސްކޮށްދެވޭނެ.“ މިނިސްޓްރީން ބުނެފައި ވެއެވެ.

ޔޫތު މިނިސްޓްރީން ބުނީ ކޮންމެ ދުވަހެއްގެވެސް ހަވީރު 16:00 އިން 18:00 އަށް ކުރިއަށްދާ މި ވޯކްޝޮޕަކީ އެއްވެސް ފީއަކާ ނުލައި ހިލޭ ބައިވެރިވެވޭނެ ހަރަކާތެއް ކަމަށެވެ.
މި ވޯކްޝޮޕްގައި ބައިވެރިވުމަށްޓަކައި ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަން ހާމަކޮށް އެ މިނިސްޓްރީން ވަނީ ޖާގަ މަދުވުމުގެ ސަބަބުން ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ވީހާވެސް އަވަހަށް އިއުލާނުގައިވާ ކިއުއާރް ކޯޑު ސްކޭންކޮށްގެން ފޯމު ހުށަހެޅުމަށް އިންތިޒާމުކުރާ ފަރާތުން އެދޭކަން ހާމަކޮށްފައެވެ.



