މަސްތުވާތަކެތީގެ މައްސަލައެއްގައި ބ. މާޅޮހުން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބ. މާޅޮސް / ޑިމްލައިޓް، ޝާމިނު އަބޫބަކުރު (27އ) އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.
ފުލުހުން މިއަދު ބުނީ އިއްޔެ މާޅޮހު ޕޮލިސް ޕޯސްޓުން ހިންގި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ކޮޓަރި ކޯޓު އަމުރުގެ ދަށުން ބަލައިފާސްކުރި އިރު، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ތިންފުޅިއާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށެވެ.
އެހެންކަމުން މި މައްސަލައާ ގުޅިގެން ޝާމިނު އަބޫބަކުރު ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.



