ސިވިލް ސާވިސް މުވައްޒަފުންނަށް ”ޚާއްސަ ސިއްހީ ބޭނުންތަކަށްދެވޭ“ ޗުއްޓީއަށް އެދެވޭނެ ލުއިފަސޭހަ ގޮތެއް ސިވިލް ސަރވިސް ކޮމިޝަނުން ހަމަޖައްސައިފިއެވެ.
އެކޮމިޝަނުން މިއަދު އާންމުކޮށްފައިވާ އުސޫލުގައި ބުނެފައިވަނީ ޚާއްސަ ހާލަތްތަކުގައި ސިއްހީ ބޭނުންތަކަށްދޭ ޗުއްޓީއަށް މުވައްޒަފުން އެދޭ ހާލަތްތަކުގައި އިދާރާތަކުން މަސްއޫލުވެރި އޮފީސް މެދުވެރިކޮށް އެކޮމިޝަނަށް ހުށަހަޅާގޮތަށް އޮތުމުން އެކަމުގައި ދަތިތަކެއް މުވައްޒަފުންނަށް ކުރިމަތިވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތުން މުވައްޒަފުން މަސައްކަތްކުރާ އޮފީސް މެދުވެރިކޮށް ކޮމިޝަނަށް ހުށައަޅާގޮތަށް އޮތުމުން ޗުއްޓީ ދިނުމާ މެދުގޮތެއް ކަނޑައަޅައި މުވައްޒަފަށް އެކަން އެނގުމަށް ހޭދަވާ މުއްދަތު ދިގުލައިގެންދާކަމަށް ސީއެސްސީން ބުނެފައިވެއެވެ.
ސީއެސްސީން ބުނީ، އެކަމަށް ހައްލެއް ގެނައުމަށް ޚާއްސަ ހާލަތްތަކުގައި ސިއްހީ ކަންކަމުގައި މުވައްޒަފުން ޗުއްޓީއަށް އެދޭ ހާލަތުގައި، އެމުވައްޒަފެއް މަސައްކަތްކުރާ އިދާރާއަށް ކޮޕީކުރުމަށްފަހު ޗުއްޓީ ހަމަޖައްސައިދިނުމަށް އެދި ސީދާ ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅަންޖެހޭގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
މިގޮތަށް ހުށައަޅާއިރު ޗުއްޓީ ފަށަން ބޭނުންވާ ތާރީޚުގެ 15 ދުވަސް ކުރިން ކަމާ ގުޅުންހުރި ލިޔެކިޔުންތަކާއެކު ހުށައެޅުމަށްވަނީ އަންގާފައެވެ. މިކަމަށް އެދި ހުށައަޅާނީ ”ޚާއްސަ ސިއްހީ ބޭނުންތަކަށްދެވޭ ޗުއްޓީއަށް އެދޭ ފޯމު“ މެދުވެރިކޮށްކަމަށް ސީއެސްސީން ބުންޏެވެ.




