ރާއްޖޭގެ ސިއްޙީ ދާއިރާއަށް ގިނަ އަހަރުތަކެއްވަންދެން ޚިދުމަތް ކުރެއްވުމަށްފަހު ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި މައިމޫނާ އަބޫބަކުރު ރިޓަޔަރކުރައްވަން ނިންމަވައިފިއެވެ.
މައިމޫނާއަކީ 1990 ވަނަ އަހަރުން ފެށިގެން ސިއްޙީ ދާއިރާގެ އެކި މަޤާމުތަކުގައި ދައުލަތަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.
އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް މައިމޫނާ އައްޔަނުކުރައްވާފައި ވަނީ 2016 ވަނަ އަހަރުއެވެ.
މައިމޫނާގެ ސިއްހީ ޚިދުމަތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވުނީ ކޯވިޑް-19 ގެ ދުވަސްވަރު އާންމު ސިއްޙަތު ރައްކާތެރިކުރުމަށް ކުރެއްވި ބުރަ މަސައްކަތްތަކެވެ.
އެގޮތުން އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލްގެ ހައިސިއްޔަތުން ބަލިން ރައްކާތެރިވުމަށް ނިންމެވި މުހިއްމު ނިންމެވުންތަކާއި، އާންމުންނަށް ސައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމުގައި މައިމޫނާ އިސް ދައުރެއް އަދާކުރެއްވިއެވެ.
ވޭތުވެދިޔަ 9 އަހަރުގެ ތެރޭގައިވަނީ އާންމު ސިއްޙަތުގެ ދާއިރާއިން މައިމޫނާ ވަނީ މުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ.



