މިއަހަރުގެ ޖުލައި 28 އިން ފެށިގެން ދުންފަތުގެ އެކި ބާވަތްތައް ރާއްޖެ އެތެރެކޮށް ވިއްކޭނީ، ސިއްހަތުގެ އިންޒާރު ޖަހައިގެން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކޮށް އަދި ރާއްޖޭގައި ވިއްކާ ފަރާތްތަކުން އަމަލު ކުރުމަށް ދުންފަތް ކޮންޓްރޯލް ކުރުމާގުޅޭ އާއްމު ޤަވާއިދުގެ ދަށުން ލާޒިމު ކުރާ، ދުންފަތުގެ ބާވަތްތައް ރަޖިސްޓްރީ ކުރުމާއި، ދުންފަތުގެ ބާވަތްތަކުގައި ސިއްހަތުގެ އިންޒާރު ޖެހުމުގެ އުސޫލަށް ވަނީ ބަދަލު ގެނެސްފައެވެ.
އެޗްޕީއޭއިން ބުނީ މިހާރު އަމަލު ކުރަމުންދާ އުސޫލަށް ނިމިދިޔަ އަހަރުގެ ޖުލައި 29 ގައި ގެނެސްފައިވާ 1 ވަނަ އިސްލާހުގައި ހިމެނޭ ބަދަލުތަކަށް އަމަލުކުރުން ލާޒިމުވާ ސުންގަޑި މިއަހަރުގެ ޖުލައި 28 އަށް ފަސްކޮށްފައިވާ ކަމަށެވެ.
މީގެކުރިން މިޤަވާއިދަށް އަމަލުކުރުމަށް ނިންމާފައިވަނީ، މިމަހުގެ 28 ގައެވެ. އަދި މިއިސްލާހުގައިވާ ގޮތުން އެ ބާވަތްތަކެއްގައި ސިއްހަތުގެ އިންޒާރު ޖެހުމަށް އަލަށް ކަނޑައަޅާފައިވާ ދުންފަތުގެ ބާވަތްތައް، އެތާރީހުން ފެށިގެން ރާއްޖެއަށް އެތެރެ ކުރެވޭނީ އަދި ވިއްކޭނީ ސިއްހަތުގެ އިންޒާރު ޖަހައިގެން ކަމަށް އެޗްޕީއޭއިން ބުންޏެވެ.



