ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމުގެ ގޮތުން ސޯޝަލް އެންޑް ފެމިލި ޑިވެލޮޕްމަންޓް މިނިސްޓްރީން ކުރިއަށްގެންދާ ”ޖޮބް ރެޑިނަސް ޕްރޮގްރާމު“ ގެ ތިން ވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޖޮބް ރެޑިނަސް ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، މަސައްކަތުގެ މާހައުލަށް ބޭނުންވާ އަސާސީ ތައުލީމާއި ހުނަރުތައް ދަސްކޮށްދިނުމުގެ މަގުސަދުގައި އުފައްދާފައިވާ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމުގެ ފުރަތަމަ ބެޗުގެ ކިޔެވުން ކުރިއަށް ގެންގޮސްފައިވަނީ 2024ވަނަ އަހަރުގެ ޖޫން މަހުގެ 26ން އެ އަހަރުގެ އޮގަސްޓު މަހުގެ 29ގެ ނިޔަލަށެވެ. އެ ޕްރޮގްރާމްގައި ބައިވެރިވި 12 މީހަކު ކާމިޔާބުކަމާއެކު ޕްރޮގްރާމް ނިންމި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ ޕްރޮގްރާމު ބޭއްވީ މިދިޔަ އަހަރުގެ މެއި މަހުގެ 5ން ނޮވެމްބަރު މަހުގެ 2ވަނަ ދުވަހަށެވެ.
ސޯޟަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނި ގޮތުގައި 10 މީހަކު ވަނީ އެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ.
މުޅިއަކު 6 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމުގެ ތިން ވަނަ ބެޗުގައި ބައިވެރިވުމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށެވެ.
އެ މިނިސްޓްރީން ބުނީ އެ ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު 7206558 ނަންބަރުން، ވައިބާ މެދުވެރިކޮށް ލިބޭނެ ކަމަށެވެ. އަދި ރަސްމީ ގަޑީގައި 1433 ކޯލްސެންޓަރަށް ގުޅުމުންނާއި des@msfd.gov.mv އަށް އީމެއިލް ކުރުމުން ވެސް މައުލޫމާތު ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.




