މިފްކޯގެ މިހާރުގެ މެނޭޖުމަންޓުން ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކާ އެކު ކުރި މަސައްކަތުން ރާއްޖޭގެ މަހަށް ބޭރުން ލިބޭ އަގު ބޮޑުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މިފްކޯގެ މަސައްކަތްތަކާ ބެހޭ ގޮތުން ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ސީނިއަރ ކޮންސެލްޓެންޓް އާތިފު ޝަކޫރު ވިދާޅުވީ މިދިޔަ 6 މަސް ތެރޭ ނަމްބަރުން ކިޔައިދެވޭ ވަރުގެ ބަދަލެއް ގެނެވިފައިވާ ކަމަށެވެ.
މިގޮތުން ގެނެވުނު ބަދަލުގެ ތެރޭގައި މަސް ގަންނަ ފަރާތްތަކާއެކު ކުރެވުނު މަޝްވަރާތަކުގެ ޓަނަކުން 50 ޑޮލަރު ވަނީ ހެޔޮކޮށްފައެވެ. މިއީ އެ ކުންފުނިން އެކްސްޕޯޓް ކުރާ މަހަށް ބަލާއިރު ބޮޑުތަނުން ސޭވް ވެގެންދާނެ ކަމެއް ކަމަށް އާތިފު ވިދާޅުވިއެވެ.
”ދުނިޔޭގެ ބާޒާރުގައި މަސް ވިއްކާ އަގު ބަދަލު ކުރެވިއްޖެ. ގާތްގަނޑަކަށް [ޓަނެއް ވިއްކާ އަގު ] 1506 ޑޮލަރުން ފެށިގެން 1620 ޑޮލަރާ ހަމައަށް މައްޗަށް އުފުލިއްޖެ. މިހެން ބުނާއިރު ވެސް މި ސިނާއަތުގައި އުޅެފައި ހުރި މީހެއްގެ ގޮތުން އެއްވެސް އެއްގައުމަކަށް މަހުގެ ބާޒާރު ކޮންޓްރޯލެއް ނުކުރެވޭނެ. ނަމަވެސް ކަޅުބިލަ މަހުގެ ރޯދީގައި މިއީ ދޮށީގެ މަސްވެރިކަމެއް. އެހެންވެ މި މަހަށް ފެން ބޮވައިގެންފައި ތިބި ބައެއް އެބަތިބި. އެމީހުން ވެސް މި މަސް ބޭނުންވޭ. އެގޮތުން ކުރެވުނު މަސައްކަތުން މަހުގެ އަގު ބޮޑު ކުރެވުނީ،“ އާތިފު ވިދާޅުވިއެވެ.



