ޒުވާނުން ދަނޑުވެރިކަމަށް އަހުލުވެރިކުރުވުމަށް ކެލާގައި ޚާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ.
ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނީ ޒުވާން ޖީލުގެ މެދުގައި ދަނޑުވެރިކަމަށް އޮންނަ ޝައުގުވެރިކަން އިތުރުކޮށް، އެ ދާއިރާއަށް އަހުލުވެރިކުރުވުމުގެ މަގުސަދުގައި ކެލާ ސްކޫލްގެ ނޭޗަރ ކްލަބްގެ މެންބަރުންނަށް އަމާޒުކޮށްގެން ޚާއްޞަ ހަރަކާތެއް ފަށާފައިވާ ކަމަށެވެ.
ކެލާ ސްކޫލްގެ މެނޭޖްމަންޓާއި ޕީ.ޓީ.އޭ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތަކީ ކެލާ ކައުންސިލާއި ފެނަކަ ކޯޕަރޭޝަންގެ ކެލާ ބްރާންޗްގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު ފެށިގެންދިޔަ މަސައްކަތެއް ކަމަށާއި މި ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންނަށް އަމަލީ ގޮތުން ލެޓިއުސް އަދި ކިއުކަންބާ ހައްދާނެ ގޮތް ދަސްކޮށްދެވޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނީ މިކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމުން (މެޕް) ތަމްރީނުކުރެވިފައިވާ އިސް ދަނޑުވެރިން ކަމަށްވާ ޢަލީ ރަޒީން އާއި އާދަމް އިމްސާޒް ކަމަށެވެ.
އަދި މުޅި އެ މަސައްކަތް ކުރިއަށްދަނީ މެޕް ޕްރޮޖެކްޓްގެ ފީލްޑް ސްޓާފް މުޙައްމަދު އިބްރާހީމްގެ ސީދާ ބެއްލެވުމާއި އިރުޝާދުގެ ދަށުން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މެޕުން އަންނަނީ ރާއްޖޭގައި ޒަމާނީ ދަނޑުވެރިކަން ފުޅާކޮށް ތަރައްޤީކުރުމަށް ގިނަގުނަ ތަމްރީން ތަކާއި، މަޝްރޫޢުތައް ހިންގަމުންނެވެ. މިގޮތުން ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި 12 ރަށެއްގައި ގްރީން ހައުސްތައް ގާއިމުކޮށް، 6 ރަށެއްގައި ހޯމްގާޑިނިންގ ޕްރޮގްރާމް ވަނީ ހިންގާފައެވެ. މީގެ ތެރެއިން 320 ދަނޑުވެރިންނަށް ބިޒްނަސް ސްކިލްސް ތަމްރީން ދީފައިވެއެވެ. އަދި މިހާތަނަށް 24 އިސް ދަނޑުވެރިން ވަނީ ތަމްރީން ކޮށްފައެވެ.



