ރާއްޖެ އަންނަ ފަތުރުވެރިން، މީހުން ދިރިއުޅޭ ރަށްރަށުގައި އުޅޭއިރު ހެދުން އަޅަންޖެހޭ މިންގަނޑެއް ގަވާއިދުގައި ބަޔާންކޮށް ކަނޑައަޅާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޕީއެންސީގެ އޮފީސް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ސިޔާސަތުތައް އެކަށައެޅުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އިސްލާމް ދީނުގެ ހަމަތަކާ އެއްގޮތަށް ސިޔާސަތުތައް ކަނޑައަޅަން ކަމަށެވެ.
ރާއްޖެ އަންނަ ފަތުރުވެރިން، މީހުން ދިރިއުޅޭ ރަށްރަށުގައި އުޅޭއިރު ހެދުން އަޅަންޖެހޭ މިންގަނޑެއް ގަވާއިދުގައި ބަޔާންކޮށް ކަނޑައަޅާނެކަމަށާއި މީހުން ދިރިއުޅޭ ކޮންމެ ރަށަކާ މަދުވެގެން އެއް ކިލޯ މީޓަރު ދުރުގައި ނޫނީ ސަފާރީތައް ނުބޭއްވޭ ގޮތަށް އުސޫލު ބަދަލުކޮށް، އިސްލާހު ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަން ބެލެހެއްޓުމުގެ ޒިންމާ އަދާކުރުމަށް ހަވާލުކުރާނީ ކައުންސިލްތަކާ ކަމަށެވެ.
އަދި ދީނާ ހިލާފު ކަންކަމަށް ހިތްވަރުދީ އެ ކަންކަމަށް ގޮވާލާ ސިޔާސީ ފިކުރުތަކަށް ސަތޭކަ ޕަސެންޓު އިސްލާމީ މުޖުތަމައެއްގައި ފުރުސަތު ދީގެން ނުވާނެ ކަން ފާހަގަކުރައްވާ ރައީސް ވަނީ ކައުންސިލްތަކަށް ދީނާ އިދިކޮޅު ފިކުރުގެ ވިސްނުން ހުންނަ ބަޔަކު ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހޮވައިފި ނަމަ، އެކަންކަން ނުބަލާނެ ކަމުގެ ބިރު އޮތް ކަމަށެވެ.




