އެމެރިކާއިން ވެނެޒުއޭލާގައި ހިންގި އަސްކަރީ އޮޕަރޭޝަންގައި އެ ގައުމުން 100 މީހުން މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ވެނެޒުއޭލާގެ އިންޓީރިއާ މިނިސްޓަރު ޑިއޮސްޑާޑޯ ކަބެލޯ އާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ވެރިކަމުން ދުރުކުރުމަށް އެމެރިކާއިން ދިން ހަމަލާގައި 100 މީހުން ވަނީ މަރުވެފަވެ.
”ވެނެޒުއޭލާއަކީ އަނިޔާވެރި ހަމަލާއެއްގެ ޝިކާރައަކަށްވި ގައުމެއް، އެ ހަމަލާގައި މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެފައިވޭ،“ ކަބެލޯ ވިދާޅުވި އެވެ.
އަދި އެ ހާދިސާގައި އެ އޮޕަރޭޝަނާއި އެއްވެސް ގުޅުމެއް ނެތް މީހުން މަރާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ތެރޭގައި ކަމާ ނުބެހޭ އާންމުންނާއި، އަންހެނުންނާއި އެ މީހުންގެ ގެދޮރުގައި ތިބި މީހުނަށް އެ އޮޕަރޭޝަނުގައި ހަމަލާދީ މަރާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އާންމު ރައްޔިތުންނާއި ސަލާމަތީ ބާރުތަކުން މަރުވި މީހުންގެ އަދަދެއް ކަބެލޯ ހާމައެއް ނުކުރެ އެވެ.
މި އޮޕަރޭޝަންގައި 68 އާއި 80 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވެފައިވާ ކަމަށް ވޮޝިންޓަން ޕޯސްޓުން ވަނީ ބުނެފަ އެވެ. އެ އޮޕަރޭޝަނުގައި މަރުވި މީހުންގެ އަދަދު 100 އަށް އަރާފައިވާ ކަމަށް ބުނެ ކަބެލޯ ހިއްސާކޮށްފައިވާ އަޕްޑޭޓް އަދަދެއް އެމެރިކާގެ އޮފިޝަލުން އަދި މިހާތަނަށް ކަށަވަރު ކޮށްދީފައެއް ނުވެ އެވެ.
ރައީސް މަޑޫރޯ ހައްޔަރު ކުރުމަށް އެމެރިކާ ސިފައިން ވަނީ މިދިޔަ ހޮނިހިރު ދުވަހު އަސްކަރީ އޮޕަރޭޝަނެއް ހިންގާފައެވެ.
އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ އެންބީސީ ނިއުސް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި އޮޕަރޭޝަންގައި އެމެރިކާ ސިފައިންގެ ހަތް މީހަކު ވަނީ ޒަޚަމްވެފައެވެ.
ވެނެޒުއޭލާގެ އަސްކަރިއްޔާއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ހަމަލާގައި ވެނެޒުއޭލާގެ ސިފައިންގެ 23 މީހަކު ވަނީ މަރުވެފަ އެވެ. އަދި ކިއުބާގެ ކަމާބެހޭ ފަރާތްތަކުން ވަނީ މަޑޫރޯގެ ދިފާއުގައި މަސައްކަތްކުރި ކިއުބާގެ 32 ސިފައިން މަރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ.
އެ އަސްކަރީ އޮޕަރޭޝަނަށްފަހު ރައީސް މަޑޫރޯ މިހާރު ވަނީ ނިއުޔޯކްގެ ޖަލެއްގައި ބަންދުކޮށްފައެވެ.



