ބުރާސްފަތި ދުވަހު އިސްރާއީލުން ޣައްޒާއަށް ވަކިވަކިން ދިން ވައިގެ ހަމަލާތަކުގައި 11 މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ރިޕޯޓުކޮށްފިއެވެ.
ރިޕޯޓުތައްބުނާގޮތުން ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ ހުޅަނގުން އޮންނަ ޓެންޓަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ހަތަރު މީހަކު ޝަހީދުވެ ކުޑަކުދިން ހިމެނޭ ގޮތަށް ތިން މީހަކު ވަނީ ޒަހަމްވެފައެވެ.
އަދި އިިސްރާއީލުގެ އިތުރު ވައިގެ ހަމަލާއެއްގައި ޣައްޒާގެ އިރުމަތީ ސަރަހައްދަށް ދިން ހަމަލާއެއްގައި މީހަކު ޝަހީފުވެފައިވެއެވެ.
ހަމަ އިއްޔެ ޣައްޒާގެ އުތުރުގެ ޖަބާލިއާގައި ގެދޮރު ގެއްލިފައިވާ އާއިލާތަކަށް ހިޔާވަހިކަން ދޭ ސްކޫލަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި މީހަކު ޝަހީދުވެފައިވާއިރު، ޣައްޒާގެ މެދުތެރޭގެ ޑެއިރް އަލްބާލާ ކައިރީގައި ހުރި ޓެންޓަކަށް ދިން އިތުރު ވައިގެ ހަމަލާއެއްގައި އިތުރު މީހަކު ވަނީ ޝަހީދުވެފައެވެ.
މީގެ އިތުރުން ޣައްޒާ ސިޓީގެ ޒައިތޫން ސަރަހައްދުގައި ވަކިން ދިން ވައިގެ ހަމަލާއެއްގައި ހަތަރު މީހަކު ޝަހީދުވެފައިވާއިރު، ބުރާސްފަތި ދުވަހު ޝަހީދުވީ މީހުންގެ އަދަދު ވަނީ 11 އަށް އަރާފަވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ފެށި ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި ޝަހީދުވީ މީހުންގެ އަދަދު މިހާރު ވަނީ 72،437 އަށް އަރާފައެވެ. ޣައްޒާގެ އުތުރާއި މެދުތެރޭ ޣައްޒާގައި ހަލާކުވެފައިވާ އެތައް ސަތޭކަ އަވަށްތަކަށް ރެސްކިއު ޓީމުތަކަށް ނުދެވޭތީ އެ އަދަދުތައް އަދިވެސް އިތުރުވާނެ ކަމަށް ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ބުނެ އެވެ.
މީގެ އިތުރުން 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު އެ ދެމެދުގެ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެ އިޢުލާނު ކުރި ފަހުން މިހާތަނަށް 425 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި 1206 މީހުން ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.



