ނަމާދަށް ރައްކާތެރިވާ ބަޔެއްގެ ގޮތުގައި ދަރިން ތަރުބިޔަތުކުރަންޖެހޭކަން މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.
”ކުޑަކުދީން މިސްކިތަށް އަހުލުވެރިކުރުވުން“ މި މައުޟޫޢުގައި މިއަދު ދިން ހުކުރު ހުތުބާގައި ބުނީ ނަމާދަކީ ދީނުގެ ތަނބު ކަމަށާއި އެއީ ޤިޔާމަތްދުވަހު އެންމެ ފުރަތަމަ ޙިސާބުބެއްލެވޭ އަޅުކަން ކަމަށެވެ.
މި މަތިވެރި ވާޖިބަށް ތިބާގެ ދަރީން ލޯބިޖައްސުވައި، ނަމާދަށް ރައްކާތެރިވާ ބަޔެއްގެ ގޮތުގައި ދަރިން ތަރުބިޔަތުކުރާންޖެހޭ ކަމަށާއި އެ ކަމުގައި އިހުމާލުވެއްޖެ ނަމަ ދިރިއުޅުމުގެ އުފާވެރިކަން ގެއްލި އާޚިރަތުގައި ބޮޑުވެގެންވާ ހިތާމައެއް ނޫނީ ނުލިބޭނެ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
”ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.“
ނެތުމުގެތެރެއިން އުފައްދަވައި ދުނިޔޭގެ ޙަޔާތަށް ފޮނުއްވުމުގެ މަޤުޞަދު ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ ދަރީންނަކީ މާތް ﷲ ދެއްވި ވަރަށްބޮޑު ނިޢުމަތެއް ކަމަށާއި އެ ދަރީންނާ މެދު މަސްއޫލުވާންޖެހޭނެ ކަމަށެވެ.
”އަދި ފިރިމީހާއީ އޭނާގެ އަނބިދަރީންގެ ބެލެހެއްޓުންތެރިޔާއެވެ. އަދި އެފަރާތްތަކާ މެދު އޭނާއާ ސުވާލުކުރެއްވޭނެއެވެ. އަދި އަނބިމީހާއީ އޭނާގެ ފިރިމީހާގެ ގޭގެ ކަންތަކާއި ދަރީންގެ ބެލެހެއްޓުންތެރިޔާއެވެ. އަދި އެ ފަރާތްތަކާ މެދު އޭނާޔާ ސުވާލުކުރެއްވޭނެއެވެ.“ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ ދަރީން ނަމާދަށް އަހުލުވެރިކުރުވަން މަސައްކަތްނުކޮށް، އިހުމާލުވެއްޖެ ނަމަ، ދެމަފިރިން ފާފަވެރިވާނެ ކަމަށާއި އަހަރެމެންގެ ދަރީންނަކީ ނަމާދަށް ލޯބިކުރާ ދަރީންތަކެއްކަމުގައި ހެދުމަށް ޓަކައި އަޅާން ޖެހޭ އެންމެ ފުރަތަމަ ބިންގަލަކީ، އެ ދަރީންގެ މައިންގެ ގޮތުގައި ދީންވެރި ތަޤުވާވެރި މައިން އިޚުތިޔާރުކުރުން ކަމަށެވެ.
”މާތް ﷲގެ ޢަރުޝިކޮޅުގެ ހިޔާވަހިކަން ފިޔަވައި އެހެން އެއްވެސް ހިޔާވަހިކަމެއްނުވާ ދުވަހު އެކަލާނގެ ޢަރުޝިކޮޅުގެ ހިޔާ ހަތް ބާވަތެއްގެ ބަޔަކަށް ދެއްވާނެއެވެ.“ އޭގެ ތެރެއިން އެއްބަޔަކީ ”މިސްކިތަށް ހިތްޖެހިފައިވާ މީހާ، އެބަހީ: ނަމާދުތަކަށް އިންތިޒާރުކޮށް އެއަށް ރައްކާތެރިވާ މީހުންނެވެ.“ ރަސޫލާ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވާކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ އަހަރެމެން ވޭތުކުރަމުން މިދާ މައްސަރަކީ އަހަރެމެން އެންމެން އެކީ އެކައްޗަކަށް ތަޢުބާވެ މާތް ﷲގެ މަގަށް ރުޖޫޢަވުމަށް ރަނުގެ ފުރުޞަތެއް ކަމަށާއި މިއީ މާތް ﷲ މާތްކުރައްވައި ޙުރުމަތްތެރިކުރައްވައިފައިވާ ރަޖަބު މަސް ކަމަށެވެ.
”ސަވާބާއި ދަރުމަ ހޯދުމަށްޓަކައި މި މަހުގައި ހެޔޮކަންތައްތައް އިތުރުކޮށް ނުބައިކަންތަކުން ދުރުވެގަތުން ހުއްޓެވެ.“ ހުތުބާގައި ބުނެފައި ވެެއެވެ.
ނަމަވެސް މި މަހުގެ ވަކި ދުވަހެއްގައި ޚާއްޞަ ރޯދައެއް ނުވަތަ ޚާއްޞަ ނަމާދެއްކުރުމެއްނެތް ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.



