އައްޑޫސިޓީގެ ގުޅިފައިވާ އަވަށްތަކަށް ފެން ސަޕްލައި ކޮށްދިނުމުގެ މައްސަލަ އަދިވެސް ހައްލު ނުވާކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގައި ފެނުގެ ހިދުމަތް ކެނޑޭތީ ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔައި ނިޒާރު އެކްސްގައި ހިއްސާކުރެއްވި މެސެެޖެއްގައި ވިދާޅުވެފައިވަނީ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެންސަޕްލައި ކޮއްދިނުމުގައި ދިމާވެފައިވާ މައްސަލައަށް ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވާކަމަށެވެ.
މިކަމަށް ހައްލެއް ނުލިބި މަހެއްހާ ދުވަހާއި ގާތްވެފައިވާއިރު، ރައްޔިތުންގެ ޝަކުވާ އިތުރުވަމުން އަންނަކަމަށާއި، އަދި އެކަން ހައްލުކުރުމަށް އެ ޚިދުމަތްދޭ ކުންފުނި ނުކުޅެދިފައިވާކަމަށް ނިޒރު ވިދާޅުވެފައި ވެއެވެ.
”މިކަމަށް ހައްލު ހޯދަން މިހާ ދުވަސްނަގަން ޖެހުމަކީ ނުކުޅެދުމެއް. މިތަކްލީފަށް އަވަސް ހައްލެއް ހޯއްދަވައި ދެވުމަށް ފެނަކައިގެ މެނޭޖްމެންޓަށް ދަންނަވަން.“ ނިޒާރުގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.
އަައްޑޫ ސިޓީގެ ފެން ޕްލާންޓަށް މައްސަލައެއް ކުރިމަތިވެ، އަވަށްތަކުން ފެނުގެ ހިދުމަތް ކެނޑެންފެށީ މިއަހަރުގެ މާޗުމަހުގެ ތެރެގައެވެ. އޭރު ފެން ޕްލާންޓަށް ދިމާވި މައްސަލަ ހައްލު ކުރި ނަމަވެސް، މިހާތަނަށް ދާއިމީ ހައްލެއް ގެނެވިފައެއް ނުވެ އެވެ.



